ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް: ފުލުހުންގެ 39ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ޕޮލިސް
ފުލުހުންނަށް އޮތް އިހުތިރާމާއި ގަދަރު ގުރުބާން ކުރީ ޑިމޮކްރަސީގެ ނަމުގައި - ޕީޖީ
ޖުނާން އަޙުމަދު 31 މޭ 2025 (ހޮނިހިރު)   09:42
ދިވެހި ފުލުހުންނަށް އޮތް އިހުތިރާމާއި ގަދަރު ގުރުބާން ކުރީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 39ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަން ފައްޓަވަމުން ޕީޖީ އައްބާސް ވިދާޅުވީ ވާހަކަ ފަށަން ގަސްތުކުރައްވަނީ، "ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ފެށިގެންދިޔަ ހަރަކާތްތަކާ ހިސާބުން އެހިނގާދިޔަ ކަންތައްތަކުގެ ތެރެއިން އޭރު އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކަށް ކުރަމުން އައި އިހުތިރާމަށް ވެގެންދިޔަ ގޮތުގެ ވަހަކައިން" ކަމަށެވެ.

ޕީޖީ އައްބާސް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރި އިހުތިރާމާއި ގަދަރު ގުރުބާންކޮށްފައިވާ ކަމަށާއި ފުލުހުންނަށް ތަފާތު ނަންނަމުން މުހާތަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ހަދައި، އެކި ތުހުމަތުތައް އަޅުވައި ފުލުހުން ބަދުނާމުކުރި ކަމަށެވެ.

"މިއީ، ކޮންމެ ސަބަބަކާ ހުރެ ކޮންމެ ފަރާތަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އެތައް ޖީލަކަށް މިކަމުގެ އަގު އަދާކުރަން ޖެހިފައިވާ ކަންކަން،" އައްބާސް ވިދާޅުވި އެވެ.

ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަމުން ގޮސްފައިވީ ނަމަވެސް ފުލުހުންގެ މުއައްސަސާއާ މެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަދިވެސް އަރައިގެންފައިނުވާ ކަމަށާއި އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި ފުލުހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސްގެން މެނުވީ ބޭނުންވާ ނަތީޖާ ހާސިލުނުވާނެ މިންވަރަށް ތަސައްވުރު ނުސާފުވެފައިވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެއީ އެއްއިރެއްގައި ވެސް ފުލުހުންނަށް ހައްގުވި މިންވަރެއް ނޫން ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.

ޕީޖީ މިމޭރުމުން ވާހަކަ ދެއްކެވިއިރު، ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ މިމަހުގެ 12 ވަނަ ދުވަހުގެރޭ އޮތް އަހާ ފޯރަމްގައިވެސް މި މޭރުމުން ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑުމެން ރާއްޖެއަށް ޑިމޮކްރަސީގެ ތެރެއިން މި އައި ބޮޑު ބަދަލުގެ ތެރޭގައި އޭގެ އެއް ކޮސްޓަކީ އިންސްޓިޓިއުޝަންސް ތަކުގެ އަގު ނުވަތަ އިންސްޓިޓިއުޝަންސްގެ ކަރާމާތް ނަގައިލުން. ސިޔާސީ ބޭނުމަކަށްޓަކައި ކޮންމެ ބަޔަކުވެސް، އިދިކޮޅުގައި ތިބޭ އިރުގައި ފުލުހުންނާ މި ދިމާކުރަނީ." އިހުސާން ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިހުސާންގެ މިވާހަކައަށް އޭރު ސޯޝަލްމީޑިއާގައި ރައްދު ދިން ގިނަބަޔަކު ބުނެފައިވަނީ ފުލުހުނާއި ސިފައިންގެ މުއައްސަސާގެ އަގުވެއްޓި ރައްޔިތުންގެ އިހުތިރާމް ގެއްލުނީ 2012 ފެބްރުއަރީ 7 ގައި ބަގާވާތްކޮށް ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލައި ޖެހިގެން އައިދުވަހު އެތައް ބަޔަކަށް އަނިޔާކޮށް ލޭއޮހޮރުވުމުން ކަމަށެވެ.

ކޮމެންޓް