ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވަނީ، އެޑިޓޯރިއަލް މިނިވަންކަން ހިފަހައްޓަން ޕީއެސްއެމްގެ ގާނޫނުން އެ ކުންފުންނަށް ލާޒިމު ކުރާ ނަމަވެސް ޕީއެސްއެމް ހިންގަމުންދަނީ އެ މިންގަނޑާ ހިލާފަށް ކަމަށާ، ގައުމީ މީޑިއާއެއްގެ ބަދަލުގައި އެތަން ހިނގަނީ ވަކި ކޮޅަކަށް ޖެހިގެން ކަމަށެވެ.
ތަކުރާރުކޮށް ކޮންމެ ދުވަހަކު ވެސް ޕީއެސްއެމް އިން ގާނޫނާ ހިލާފުވަމުންދާތީ އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް އެދި ވަޑައިގެން ކުޑޫގެ ގަރާރުގައި ބުނެފައި ވަނީ، ޕީއެސްއެމް އިން ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިނުދީ، ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، އެތަނުން އަންނަނީ ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ނަގާލަމުން ކަމަށެވެ.
"މި ގަރާރަކީ މިއީ ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށްވީ ހިނދު، އަދި މި ކަމަކީ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމަކަށްވީ ހިނދު، މި ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ހ. ގެ ދަށުން މި މައްސަލަ ހުށަހަޅަން." އެ ގަރާރުގައި ބުނެފައިވެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިންގަމުން އަންނަނީ އެއްވެސް ހަމަހަމަ ކަމެއް ނެތި ކަމަށާ، ސަރުކާރުގެ އެހެން ވެސް ވުޒާރާ ތަކާއި އިދާރާތައް ފަދައިން، އެ އިދާރާގައި ވެސް އަށަގެންފައި ވަނީ ކޮރަޕްޝަނާއި ވައްކަން ކަމަށް ގިނަބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި މިހާރު ވެސް މި ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިން ޕީއެސްއެމް ހިންގުމާ ހަވާލުވެ ތިއްބެވި އިރު ހިންގާފައިވާ ވައްކަމުގެ މައްސަލަތަކެއް ފެންމަތި ވުމުން މި ސަރުކާރުން އެކަންކަން ވަނީ އޮއްބާލާފައި ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.