އަލީ އަކްބަރު ހަސަން، ސ. ހިތަދޫ، ދުގެތިމާގެ
ޑްރަގު އެތެރެކުރަން އަންހެނަކަށް ހެދިގެންއުޅުނު މީހާ އުމުރަށް ޖަލަށް
މަރްޔަމް މުޙައްމަދު 27 މޭ 2025 (އަންގާރަ)   07:52
އަންހެނަކަށް ހެދިގެން, ޝަހްސުއޮޅުވާލައިގެން ފޮތްފޮށިގަނޑެއް ތެރޭ ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުކުރެވުނު މިހާގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް، އޭނާގެ މައްޗަށް އެކަން ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައަޅާ އޭނާ އުމުރަށް ޖަލަށްލާން އެކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފްތާ ތެރޭގައި ހައިކޯޓުން ނިންމާފައި ވާއިރު، އޭނާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އިއްޔެ ބޭއްވި ޝަރިއަތުގެ މަޖިލީހުގައެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދައުވާ އުފުލާފައިވަނީ، އަލީ އަކްބަރު ހަސަން، ސ. ހިތަދޫ، ދުގެތިމާގެ މައްޗަށެވެ. މީނާ ފޮތްފޮށިގަނޑުގެ އެތެރޭގައި ފޮރުވައިގެން އެތެރެކުރިކަމަށް ފުލުހުން ބުނެފައިވަނީ 198 ގްރާމްގެ ޑްރަގް ކަމަށާ، އޭނާ އަތުލައިގަތީ ހަލީމަތު އުލްފާ ކިޔާ އަންހެނެއް ކަމަށް ހެދިގެން،  ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ޝައްކުކުރެވޭ އެއްޗެއްހުރިކަން ކަސްޓަމަށް ފާހަގަވުމުން، އެކަން ފުލުހުންނަށް އެންގުމަށްފަހު ކުރިއަށް ގެންދިޔަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

ފުލުހުންގެ ތަހުގީގަށްފަހު ޝަރީއަތުގެ މަރުހަލާގައި، ކްރިމިނަލް ކޯޓުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅީ މަސްތުވާތަކެތީގެ ގާނޫނާ ހިލާފަށް، ޑްރަގް ކަމަށް ޝައްކުކުރެވޭ ޕާރުސަލް ކެނޑުމަށްފަހު، އެތަކެތި ފުލުހާ ހަވާލުނުކޮށް، އެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރުމުންނެވެ. މި ހުކުމް ކްރިމިނަލް ކޯޓުން ކުރީ 2022 ވަނަ އަހަރުގެ ކުރީކޮޅުކަން ފާހަގަކޮށްލެވެއެވެ.

މީނާގެ މައްސަލައިގައި ދަށު ކޯޓުން ކުށް ސާބިތު ނުވުމުގެ ސަބަބުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ ހުސްވި ހަފްތާގެ އަންގާރަ ދުވަހުއެވެ. އެއީ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

ކޮމެންޓް