އައިޖީއެމްއެޗް، ގައިދީ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން.--
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ
ފިޔެސް 5 ޖޫން 2025 (ބުރާސްފަތި)   05:48
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ، ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ހަސަން (45އ) އެވެ. އޭނާއަކީ މަސްތުވަތަކެތީގެ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ.

އެމްސީއެސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މޫސާ ހަސަން މާފުށީ ޖަލުގައި ހުއްޓާ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި އެވެ. އޭނާ ނިޔާވެފައި ވަނީ 5 ޖޫން 2025 ދުވަހުގެރޭ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެންނެވެ.

މޫސާ ހަސަން ނިޔާވުމާ ގުޅިގެން، އެކަން ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށާ އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނޭ ކަމަށް އެމްސީއެސް އިން މައުލޫމާތު ދެއެވެ.

ކޮމެންޓް