ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ގދ. ތިނަދޫ، ގާކުރެލި
ޑްރަގާއެކު އަތުލި ފަނޑިޔާރަށް ކުރި 15 އަހަރުގެ ޖަލުހުކުމަށް ހައިކޯޓު ވެސް ތާއީދު
ޖުނާން އަޙުމަދު 26 މޭ 2025 (ހޯމަ)   09:36
މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށުގައި މަސްތުވާތަކެއްޗާއެކު އަތުލައިގަތް، ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ގދ. ތިނަދޫ، ގާކުރެލި އަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 15 އަހަރުގެ ޖަލުހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރިން ބުނެފައިވަނީ، 2016 ވަނަ އަހަރުގެ މޭ 28 ގައި އިބްރާހީމް ރަޝީދު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، އޭނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން މީނާ ހުއްޓުވި ވަގުތު، އޭނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކާތީ ކަމަށެވެ.

އޭރު އިބްރާހީމް ރަޝީދަކީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ބޭފުޅާކަމަށް ވެސް ފުލުހުން ބުނެއެވެ. 2017 ވަނަ އަހަރުގެ އޯގަސްޓް 13 ވަނަ ދުވަހު، އިބްރާހީމް ރަޝީދުގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ދައުލަތުގެ ފަރާތުންނެވެ.

ދައުލަތުން ދައުވާ ކުރި މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 23 އޮގަސްޓު 2023 ގައެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމަކީ، އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25000ރުފިޔާއިން ޖޫރިމަނާކުރުމެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިބްރާހީމް ރަޝީދުއެވެ.

ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލައިގައި، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ހައިކޯޓުން އިއްޔެ ނިންމާފައިވަނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.

ކޮމެންޓް