
ދައުލަތުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް މ.ލާލުބާގް އަޙްމަދު ޝަހީރު އައްޔަނުކުރީ މިއަދު ކަމަށެވެ.
ޝަހީރު ވަނީ މި ސަރުކާރުގައި ފެނަކައިގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. ފެނަކައިގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަންކުރީ 2024 ފެބްރުވަރީ 8 ވަނަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން މާ ދިގު މުއްދަތެއް ނުވެ، 2024 އޮގަސްޓު 8 ގައި ޝަހީރު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ޝަހީރަކީ 1994 ވަނަ އަހަރުން ފެށިގެން 2018 އާ ހަމައަށް އެސްޓީއޯގެ އެކި މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ.
ޝަހީރު އެސްޓީއޯގައި އެންމެ ފަހުން އަދާކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވީ، މި ސަރުކާރުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަގާމަށް އައްޔަންކުރި އަހުމަދު ނާސިފް މިދިޔަ މާރިޗް މަހު އެ މަގާމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން ކަމަށް އައްޔަންކުރުމުންނެވެ.




