
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން މިއަދު ހާމަކުރި އިރު މިއީ މި ސަރުކާރަށް މިވީ ދެ އަހަރުގެ ތެރޭގައި ޕީއެސްއެމްއަށް އައްޔަނުކުރި ހަތަރުވަނަ މެނޭޖިންގ ޑިރެކްޓަރެވެ.
މި ސަރުކާރުން ފުރަތަމަ ޕީއެސްއެމްގެ އެމްޑީ ކަމަށް ހަމަޖެއްސީ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ފަހުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުވެސް ފުރުއްވި ޒީނާ ޒާހިރެވެ.
ޒީނާ އަދި އޭގެ ފަހުން އައްޔަނުކުރެއްވި ދެ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުޙައްމަދު ސައީދު އާއި އިބްރާހިމް ނަސްރީން ވެސް އިސްތިއުފާ ދެއްވީ އެވެ. މުޙައްމަދު ސައީދު އަކީ އެޑިޔުކޭޝަން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަސްރީން އަކީ ޕީއެސްއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޒީނާ އިސްތިއުފާ ދެއްވީ އޯގަސްޓު، 2024، ގަ އެވެ. އޭނާއަށް ފަހު އައްޔަން ކުރި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ ޑިސެމްބަރު، 2024، ގަ އެވެ. ނަސްރީނު އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު 29 ގައެވެ. އެޔާއެކު އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވާފައެވެ.
ގިނަބައެއްގެ މެދުގައި މަގުބޫލް ޕްރެޒެންޓަރު އަޙްމަދު ޝަކީބު އަކީވެސް ތައުލީމީ ދާއިރާގެ ޕޮލިސީ ލެވެލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަހަޅުއްވައި ޚަބަރު ވިދާޅުވީ ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ދޭތެރެއަކުން ގެނެސްދޭ ރައީސް މުއިއްޒުގެ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓް ހުށަހަޅުއްވަނީވެސް ޝަކީބު އެވެ.




