އަންނަ ހުކުރު ދުވަހު ބޮޑު އީދުގެ ދުވަސްތައް ފެށޭއިރު އެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުމީ ލަފާގައި، ހުކުރު އަދި ހޮނިހިރު ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި ގުގުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މިހާރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވަނީ މޫސުން ގޯސްވެފައެވެ. ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައިވާއިރު، ގަޑިއަކު 45 މޭލަށް ވައި ގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން އިންޒާރު ދީފައިވެއެވެ.
މިއަދުގެ ހެނދުނު 9:15 އިން ހަވީރު 15:00 އާ ހަމައަށް ދެމިގެންދާ ގޮތަށް ނެރެފައިވާ މި އެލާޓާއެކު، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އައްޑުއަތޮޅު ހުޅުމީދޫއަށް ކަމަށާއި، އެގޮތުން 53.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އީދު ޗުއްޓީއަށް ރަށްރަށަށް ދަތުރުކުރާ މީހުން އާންމު ގޮތެއްގައި ފުރަނީ ހައްޖު ދުވަހު ކަމަށްވާއިރު، މިހާރު މޫސުން ދައްކާ ގޮތުން، ދަތުރުވެރިންނަށް ވިއްސާރައާ ކުރިމަތިލާން ޖެހޭނެ އެވެ.
އެހެންނަމަވެސް، އީދު ބަންދުގައި ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި، ވައިޖެހޭނީ އާންމު ގޮތެއްގައި އެވްރެޖުކޮށް 10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ލަފާކުރެއެވެ.
ކޮންމެ އަހަރަކު ވެސް އީދު ބަންދާ ދިމާކޮށް އެއްރަށުން އަނެއް ރަށަށް ގިނަ ބަޔަކު ދަތުރުކުރާ ކަން ފާހަގަކޮށް، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.