އަދި މީގެ ނޭދެވޭ އަސަރުތައް ދަނީ އިތުރުވަމުންނެވެ. މި އަހަރަކީ އިންސާނިއްޔަތު މިކަމާމެދު ލާމަސީލުކަމުން ނުކުމެ ޢަމަލީ ފިޔަވަޅުތަކެއް އަޅަން ފަށާ އެންމެ ފަހު ފުރުސަތު ކަމުގައި ވެދާނެއެވެ. އެހެންކަމުން، އަޅުގަނޑުމެން ކުރިމަތީގައި އޮތް ސުވާލަކީ: 2025 ވަނަ އަހަރަކީ އަޅުގަނޑުމެންން ފުންކޮށް ވިސްނައި، މޫސުމަށް އަންނަ ބަދަލުތަކާމެދު ސީރިއަސްކޮށް ފިކުރުކުރަން ފަށާ އަހަރު ހެއްޔެވެ؟
މޫސުމީ ކާރިސާ: ތަފާސްހިސާބުތަކުން ދައްކާ މަންޒަރު
މޫސުމަށް އަންނަ ބަދަލުތަކަކީ މުސްތަގުބަލުގައި ދިމާވާނެ ކަމެއް ނޫނެވެ. އެއީ މިހާރުވެސް ކުރިމަތިވެފައިވާ ނުރައްކަލެކެވެ. ދުނިޔޭގެ ޖައްވާއި، ކަނޑުތަކާއި، އަދި ދިރޭތަކެތީގެ ވެށްޓަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ބުރައެއް ކުރިމަތިވެފައެވެ:
• ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ވަނީ ސިނާއީ އިންގިލާބުގެ ކުރީގެ ޒަމާނާ އަޅާބަލާއިރު 1.1 ޑިގްރީ ސެލްސިއަސް އިތުރުވެފައެވެ.
• 2023 ވަނަ އަހަރަކީ ރެކޯޑު ކުރެވިފައިވާ އެންމެ ހޫނު އަހަރެވެ. އަދި 2024 އާއި 2025 ވަނަ އަހަރުގެ ފުރަތަމަ ބައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުތަކުގައިވެސް މި ރެކޯޑު ގިރާކުރާނެ ކަމަށް ލަފާކުރެވެއެވެ.
• ޖައްވުގައި ހުންނަ ކާބަން ޑައިއިއޮކްސައިޑްގެ މިންވަރު ވަނީ މިލިއަނަކަށް 420 ބައިގެ މިންވަރަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 3 މިލިއަން އަހަރުގެ ތެރޭގައި ފެނިފައިނުވާ މިންވަރެކެވެ.
• 1900 ވަނަ އަހަރާ އަޅާބަލާއިރު މޫދުގެ ލޮނުގަނޑު އުފުލިފައިވާ މިންވަރު ވަނީ 20 ސެންޓިމީޓަރަށްވުރެ އިތުރުވެފައެވެ.ވެ. އަދި ގްލެސިއަރތަކާއި ގުތުބް ސަރަހައްދުތަކުގެ ގަނޑުފެން ވިރުމުގެ ސަބަބުން މި މިންވަރު އިތުރަށް އަވަސްވަމުންދެއެވެ.
ދެކުނު އޭޝިޔާ: މޫސުމީ ބަދަލުތަކުގެ މަރުގެ ހިޔަނި ވެރިވާ ސަރަޙައްދު
ދެކުނު އޭޝިޔާގައި ދިރިއުޅެނީ މުޅި ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާންޖެހޭ މައި ސަރަޙައްދެވެ.
މައިގަނޑު ނާޒުކު ކަންތައްތައް:
• ހޫނުގަދަވުން: 2024 ވަނަ އަހަރު އިންޑިޔާ އާއި ޕާކިސްތާނުގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެ، މީހުންގެ ފުރާނައަށް ގެއްލުން ލިބުނެވެ.
• ގްލެސިއަރތައް ވިރުން: ހިމާލަޔާގެ ގަނޑުފެން ވިރޭ މިންވަރު 1990 ގެ އަހަރުތަކާ އަޅާބަލާއިރު 65 އިންސައްތަ އަވަސްވެފައިވެއެވެ.
• މޫސުމީ ފެންބޮޑުވުން: 2023 ވަނަ އަހަރު ބަންގްލަދޭޝް އާއި ނޭޕާލްގައި ދިމާވި ފެންބޮޑުވުމުގެ ސަބަބުން 4.5 މިލިއަން މީހުން ގެދޮރު ދޫކޮށް ދާންޖެހުނެވެ.
• ކާބޯތަކެތީގެ ރައްކާތެރިކަން: ވާރޭވެހޭ މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އިންޑިޔާ އާއި ޕާކިސްތާނުގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރަމުންދެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދެކުނު އޭޝިޔާގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަންޖެހޭ މީހުންގެ އަދަދު 40 މިލިއަނަށް އަރާނެއެވެ.
ދިވެހިރާއްޖެ: ނުރައްކަލުގެ އިސްސަފުގައިވާ ސުވަރުގެ
ގިނަ ފަހަރަށް ފަތުރުވެރިކަމުގެ ސުވަރުގެއެއްގެ ގޮތުގައި ސިފަކުރެވޭ ދިވެހިރާއްޖެއަކީ މޫދުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭނެ ގައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.
މޫސުމީ ތަފާސްހިސާބުތައް:
• ރާއްޖޭގެ ބިމުގެ 80 އިންސައްތަ އޮންނަނީ މޫދުގެ ލޮނުގަނޑުގެ ލެވެލްއިން 1 މީޓަރަށްވުރެ ތިރީގައެވެ.
• މޫދުގެ ލޮނުގަނޑު 1 މީޓަރު އުފުލިއްޖެނަމަ، މި ގަރުނުގެ ނިޔަލަށް ރާއްޖޭގައި ދިރިއުޅެން ނުކުުޅެދޭނެއެވެ.
• ކަނޑުގެ ފިނިހޫނުމިން އިތުރުވުމުގެ ސަބަބުން ރާއްޖޭގެ 60-80 އިންސައްތަ މުރަކަތައް ވަނީ ހުދުވެފައެވެ.
• ރާއްޖޭގެ ޖީ.ޑީ.ޕީގެ 75 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ވަނީ ނުރައްކާވެފައެވެ.
ނަމަވެސް ދިވެހިރާއްޖެއިން ވަނީ މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އީޖާދީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ފެންމަތީގައި ބަހައްޓާ ސޯލާ ޕެނަލްތައް ގާއިމުކުރުމާއި، މުރަކަތައް އާލާކުރުމާއި، އަދި މޫސުމީ ބަދަލުތަކަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަތިލެވޭނެ މަޞްނޫޢީ ރަށްތައް ތަރައްޤީކުރުން ހިމެނެއެވެ.
އެންމެ ބޮޑަށް އަސަރުކުރާ ގައުމުތައް: ތަފާސްހިސާބުތަކުން ދައްކާ ހަގީގަތް
2024 ވަނަ އަހަރުގެ ގްލޯބަލް ކްލައިމެޓް ރިސްކް އިންޑެކްސް (ޖަރމަންވޮޗް) ގައިވާ ގޮތުން، ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގިނަ ގައުމުތަކަކީ މޫސުމީ ކާރިސާތަކުގެ އެންމެ ބޮޑު އަސަރު ކުރިމަތިވާ ޤައުމުތަކެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ހިތާމަވެރި ޙަޤީޤަތަކީ މޫސުމީ ބަދަލުތަކަކީ މަރުގެ ސަބަބަކަށްވުމުގެ އިތުރުން، އިގްތިސާދީ ގޮތުން ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަމެވެ. ހާއްސަކޮށް މި ގެއްލުން އެންމެ ބޮޑަށް ލިބެނީ ދުނިޔޭގެ ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސްތަކަށް އެންމެ ކުޑަ ޒިންމާ އުފުލަންޖެހޭ ގައުމުތަކަށެވެ.
2025: ނުރައްކާތެރި ބަދަލުތަކުގެ އަހަރު
2025 ވަނަ އަހަރަކީ މޫސުމީ ކުއްލި ނުރައްކަލާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އަހަރަކަށް ވެފައިވަނީ އަންނަނިވި ކަންކަމުގެ ސަބަބުންނެވެ:
• އެލް ނީނޯގެ އަސަރު ގަދަވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނަފަސްކަމާއި ވަޔާ ވިއްސާރައިގެ ޙާލަތު ގޯސްވެފައިވެއެވެ.
• އެންޓާކްޓިކާގެ ގަނޑުފެންފަށަލަތައް ވަނީ ރެކޯޑު ބާރުމިނެއްގައި ވިރެން ފަށާފައެވެ. މީގެ ސަބަބުން ކަނޑުގެ ދައުރުތަކަށް ބަދަލު އައުމުގެ ފުރުޞަތު އޮތެވެ.
• އެމެޒޯން ވިލާތުގެ ވިއްސާރަ އަންނަނީ ނާޒުކު ހިސާބަކާ ގާތްވަމުންނެވެ. މި ހިސާބަށް ދިޔުމުން އެމެޒޯން ވިލާތް ސަވާނާއަކަށް ބަދަލުވުމުގެ ފުރުޞަތު އޮތެވެ.
• ޒުވާނުންނާއި މޫސުމީ އިންސާފަށް ގޮވާލާ ޖަމާޢަތްތަކުގެ އިސްނެގުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ހަލަބޮލިވަމުންދެއެވެ.
• ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ މޫސުމާބެހޭ ސަމިޓް (ސީ.އޯ.ޕީ 30) އަށް ވިހަ ގޭސް ބޭރުކުރުން މަދުކުރުމަށް ޤާނޫނީ ގޮތުން ލާޒިމުކުރާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅަމުންދެއެވެ.
އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އެކަށީގެންވާ މިންވަރަށް ހުރިތޯ؟
ކުރިއެރުންތަކެއް ލިބެމުންދިޔަ ނަމަވެސް، އެއީ ބޭނުންވާ މިންވަރަށް އަދި ބޭނުންވާ ބާރުމިނުގައި ނޫނެވެ:
• މިހާރު 137 ޤައުމަކުން ވަނީ ވިހަ ގޭސް ބޭރުކުރުން ސުމަކަށް ގެނައުމުގެ ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ (ގިނަ ޤައުމުތަކުން 2050 އަށް).
• 2024 ވަނަ އަހަރު ދުނިޔޭގައި އިޔާދަކުރަނިވި ހަކަތައަށް ކުރެވުނު އިންވެސްޓްމަންޓްގެ އަދަދު ވަނީ ރެކޯޑު 495 ބިލިއަން ޑޮލަރަށް އަރާފައެވެ.
• މިހާރު ދުނިޔޭގައި ބޭރުކުރެވޭ ވިހަ ގޭހުގެ 23 އިންސައްތައަށް ކާބަން ޕްރައިސިންގ ނިޒާމެއް ހިނގަމުންދެއެވެ.
• ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާއިން ވަނީ ކާބަން މާކެޓްތައް ފުޅާކޮށްފައެވެ. އަދި އެމެރިކާއިން ވަނީ އިންފްލޭޝަން ރިޑަކްޝަން އެކްްޓްގެ ދަށުން މޫސުމީ ޓެކްނޮލޮޖީތަކަށް އިންވެސްޓްކުރަން ފަށާފައެވެ.
ނަމަވެސް، ޔޫ.އެން.އީ.ޕީގެ އެމިޝަންސް ގެޕް ރިޕޯޓުގައިވާ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ސިޔާސަތުތަކުގެ ދަށުން 2100 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ފިނިހޫނުމިން 2.5-2.7 ޑިގްރީ ސެލްސިއަސްއަށް އަރާނެއެވެ. މިއީ ޕެރިސް އެއްބަސްވުމުގެ 1.5 ޑިގްރީގެ ލަނޑުދަނޑިއަށްވުރެ މާ މަތީ މިންވަރެކެވެ.
މިއީ ނިންމުންތައް ނިންމަންޖެހޭ ވަގުތު
ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތް ސާފެވެ. ތަފާސްހިސާބުތަކުން ދައްކާ މަންޒަރު ކަންބޮޑުވާންޖެހޭ ވަރުގެ ނުރައްކާތެރިއެވެ. ޙައްލުތައް ވެސް ވަނީ ހޯދިފައެވެ. ދެން ބޭނުންވަނީ ސިޔާސީ އިރާދައާއި ރައްޔިތުންގެ ބާރުވެރިކަމެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުން ދަނީ ދިރިހުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކަކީ މި ކާރިސާގެ އިސްސަފުގައި ތިބި ބައެކެވެ. ނަމަވެސް އެންމެ ގިނައިން ވިހަ ގޭސް ބޭރުކުރާ ޤައުމުތަކުގެ ޒިންމާ މާ ބޮޑެވެ. އަދި އެ ޤައުމުތަކުގައި މިކަން ބަދަލުކުރުމުގެ ވަސީލަތްތައް ވެސް މާ ގިނައެވެ.
2025 ވަނަ އަހަރަކީ މޫސުމީ ބަދަލުތައް ރަނގަޅުކޮށް ނިންމާލެވޭނެ އަހަރެއް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ އަތުގައި ވަގުތު އޮތްކަމަށް ދެކޭ ވިސްނުން ދޫކޮށްލަންޖެހޭ އަހަރު ކަމުގައި ވާންޖެހޭނެއެވެ.
މަޢުލޫމާތު:
1. އިންޓަރގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި.ޕީ.ސީ.ސީ)، ހަވަނަ އެސެސްމަންޓް ރިޕޯޓު، 2023
2. ޖަރމަންވޮޗް، ގްލޯބަލް ކްލައިމެޓް ރިސްކް އިންޑެކްސް 2024
3. ވޯލްޑް ބޭންކް، ގްރައުންޑްސްވެލް ރިޕޯޓު - ދެކުނު އޭޝިޔާގެ މޫސުމީ ބަދަލް، 2023
4. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ)، އެމިޝަންސް ގެޕް ރިޕޯޓު 2024
5. ނޯއާ ކްލައިމެޓް.ގޮވް - - ދުނިޔޭގެ މޫސުމީ މިންގަނޑުތައް
6. ނާސާ - ދުނިޔޭގެ މޫސުމީ ބަދަލު: ދުނިޔޭގެ މުހިންމު ނިޝާންތައް
7. ދިވެހިރާއްޖޭގެ ތިމާވެށި، މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީއާބެހޭ ވުޒާރާ
8. ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ން (ޑަބްލިޔު.އެމް.އޯ) - ދުނިޔޭގެ މޫސުމުގެ ޙާލަތު 2023
9. އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އޭޖެންސީ (އައި.އާރް.އީ.އެން.އޭ) - ދުނިޔޭގެ ހަކަތައިގެ ބަދަލުވުމުގެ ތަޞައްވުރު
10. ކްލައިމެޓް އެކްޝަން ޓްރެކަރ - ދުނިޔޭގެ ސިޔާސަތުތަކުގެ ވަޒަންކުރުން، 2025
މި ލިޔުމުގައި ހިމެނިފައިވާ މައުލޫމާތުމާތުތަކަކީ އެންމެ ފަހުގެ ސައިންޓިފިކް ދިރާސާތަކާއި ބައިނިނަލްއަގްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ މަސްދަރުތަކުން ނަގާފައިވާ ތަފާސްހިސާބުތަކާއި ކުރު މައުލޫމާތުތަކެވެ. މި ލިޔުމުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މިިކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރުމެވެ.