ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ވޮލީ މުބާރާތެއްގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
ރާއްޖޭގައި ބާއްވާ ކާވާ ވޮލީ މުބާރާތްތަކަށް ފާޑުކިޔުންތަކާއި ތުހުމަތުތައް
ފިޔެސް 3 ޖޫން 2025 (އަންގާރަ)   08:17
ސެންޓްރަލް އޭޝިއާ ވޮލީ ބޯލް އެސޯސިއޭޝަން (ކާވާ) ގެ ނަމުގައި ބައިނަލްއަގުވާމީ ވޮލީ މުބާރާތްތަކެއް ރާއްޖޭގައި ބާއްވަމުން އަންނައިރު، އެ މުބާރާތްތަކަށް ގިނަ ފާޑުކިޔުންތަކަކާ، ތުހުމަތުތަކެއް ވޮލީއަށް ލޯބިކުރާ އެކި ފަންތީގެ މީހުން ކުރަން ފަށައިފިއެވެ.

ކާވާ ގެ މި މުބާރާތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަނީ މީގެތެރެއިން ބައެއް މުބާރާތް ތަކަކީ ރާއްޖޭގެ އެއްވެސް ޓީމެއްގެ ބައިވެރިވުމެއް ނެތި، އަދި އެކަމުން ރާއްޖޭގެ ޓީމުތަކަށާ، ވޮލީއަށް ޝައުގުވެރިވާ ރާއްޖޭގެ ފަރާތްތަކަށް އެއްވެސް މަންފާއެއް ނުކުރާނެ މުބާރާތްތަކަކަށް ވާތީއެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ކުޅުންތެރިންގެ މެދުގައި ބޭއްވުމަށް ރާވާ ބައެއް މުބާރާތްތައް ބޭއްވުމުގެ ހުއްދައަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގައި އެދުނު ނަމަވެސް ކުޅޭނެތަނެއް، ޖާގައެއް ނުވަތަ

އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތްކަމަށް ބުނެ އެފަދަ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށްފަހު، ކާވާ ގެ މުބާރާތްތައް ބޭއްވުމަށް ފުރުސަތު ދޭތީ އެވެ. ކާވާ އިން ބާއްވާ ގިނަ މުބާރާތްތަކީ ރާއްޖޭގެ އެއްވެސް ޓީމެއް ބައިވެރިނުވާ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ބަލައިލުމުގެ ފުރުސަތުވެސް ނެތް މުބާރާތްތަކެކެވެ. އެކަންކަން އެހެން ހުރުމުން އެފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އެއްވެސް އުސޫލަކުން ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ފިޔެސް އާ މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނެއެވެ.

އަދި މިކަމުގައި އޮތް އެންމެ ބޮޑު 'އިއްތިފާގަކީ' ކާވާ ގެ ރައީސްގެ މަގާމު ފުރުއްވަނީ ވީއޭއެމްގެ ވެސް ރައީސް މުޙައްމަދު ލަތީފް ކަމަށްވުމެވެ.

ވޮލީބޯޅައިގެ ދާއިރާއިން ރާއްޖޭގައި ފުންނާބު އުސް ފަރާތަކުން ފިޔެސް އާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، ކާވާ ގެ މި މުބާރާތްތަކަށް ރާއްޖެ އަންނަ އެހެނިހެން ގައުމުތަކުގެ ޓީމުތައް ރާއްޖޭގައި ތިބުމާއި ކެއިންބުޔުމުގެ ހަރަދު ދެނީ ސްޕޯޓްސް މިނިސްޓްރީ އާއި ވީއޭއެމްގެ ބަޖެޓުން ކަމަށާ، މިއީ ރާއްޖެއަށް ނުވަތަ ދިވެހި ކުޅުންތެރިންނަށް ފައިދާއެއް ނުލިބޭ ތާނގައި ދައުލަތުން ކުރާ ބޭކާރު ޚަރަދެއް ކަމަށެވެ.

"އެ ޚަރަދު އެގޮތަށް ނުކޮށް ރަނގަޅު ކޯޗެއް ގެނެސްގެން ދިވެހި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން މާބޮޑަށް ވެސް ރަނގަޅުވާނެ" އޭނާ ބުންޏެވެ.

އަދި މީގެ އިތުރުން މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގަމުން އަންނަކަމުގެ ތުހުމަތު ތަކެއް ވެސް ބައެއް ފަރާތްތަކުން ކުރެއެވެ. އެގޮތުން ހުޅުމާލޭގެ ވަކި ގެސްޓްހައުސްއެއް މިކަމަށްޓަކާ ހިފުމަށްފަހު އެތަނުގެ ވެރިންނާ ގުޅިގެން ވީއޭއެމްގެ އިސް ވެރިންނަށް ބައި އެޅޭގޮތަށް އެކޮމޮޑޭޝަންގެ ކަންކަން ހަމަޖައްސަމުން އަންނަކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ވީއޭއެމްގެ އިސްވެރިންނާ ގުޅޭގޮތުން މީގެ ކުރިން ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި ސްޕޯޓްސް މިނިސްޓްރީން މައްސަލަތަކެއްވެސް ބަލަން ފަށާފައެވެ. އެހެންނަމަވެސް އެ ދުވަސްވަރު ވީއޭއެމްގެ ރައީސް ލަތީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

ފިޔެސް އަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި ވީއޭއެމް ގެ ގިނަ ކަންކަން ކުރަނީ އެ އެސޯސިއޭޝަންގެ ރައީސްގެ ނާޖާއިޒު ނުފޫޒުގެ ތެރެއިންނެވެ. އަދި އެ މަގާމުގައި ހުންނަވައި އެފަދަ އެހެން އެ އެސޯސިއޭޝަނެއްގެ ރައީސްގެ މަގާމު ފުރުއްވުމަކީ ކޮންފްލިކްޓް އޮފް އިންޓްރެސްޓް އޮތް ކަމެއް ކަމަށް ވޮލީގެ ކަންކަމުގައި ހަރަކާތްތެރިވާ ގިނަބަޔަކު ދެކޭ ކަމަށް އޭނާ ބުންޏެވެ.

ވީއޭއެމްގެ އިސްވެރިންނަކީ މި ސަރުކާރުގެ ތެރޭގައިވެސް ނުފޫޒުގަދަ ބައެއް ކަމަށް ވެއެވެ. ސަރުކާރު ވެރިކަމަށް ގެނައުމަށް ހިންގި ކެންޕޭނުގައި އަމަލީ ގޮތުން ބައިވެރިވެ ޚަރަދުވެސް ކުރިކަމަށް ވެއެވެ. އެހެންކަމާއެކު ވީއޭއެމްއާ ގުޅޭގޮތުން ސްޕޯޓްސް މިނިސްޓްރީން ކުރިން ބަލަމުންދިޔަ ކޮރަޕްޝަންގެ މައްސަލަވެސް ވަނީ ވީނުވީއެއް ނޭނގި ހުއްޓިފައެވެ. އެ މައްސަލަ ކުރިއަށް ނުގެންދިޔުމުގައާއި ވީއޭއެމްގެ އިސްވެރިން ބޭނުންގޮތަކަށް ކަންކަން ކުރުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލްގެ ބައިވެރިވުން އެބަ އޮތް ކަމަށް ފިޔެސް އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައި ވެއެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައި މިއަހަރު ވެސް ކާވާގެ ބައިނަލްއަގުވާމީ، ހަތަރު މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވަނީ ރާވާފައެވެ. ވީއޭއެމްގެ ކަލަންޑަރުގައި ވާގޮތުން، ކާވާ މެންސް ޗެމްޕިއަންޝިޕް، ކާވާ ބީޗު ވޮލީ ބޯލް ނޭޝަންސް ލީގު، ކާވާ ބީޗު ވޮލީ ބޯލް ޗެމްޕިއަންޝިޕް އަދި ކާވާ ވިމެންސް ޗެމްޕިއަންޝިޕް މުބާރާތްތައް އެބައޮތެވެ.

މީގެ ތެރެއިން ކާވާ މެންސް ޗެމްޕިއަންޝިޕް ބާއްވަން ޝެޑިއުލްކޮށްފައި އޮތީ ކުރިއަށްއޮތް ޖުލައި މަހުގެ 18 އިން 24 އަށް މާލޭ ޒުވާނުންގެ މަރުކަޒުގައެވެ. ކާވާ ބީޗު ވޮލީ ބޯލް ނޭޝަންސް ލީގު އަދި ކާވާ ބީޗު ވޮލީ ބޯލް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިޔުމަށް ޝެޑިއުލްކޮށްފައިވަނީ އޯގަސްޓު މަހުގެ ތެރޭގައެވެ. އެގޮތުން އޯގަސްޓު މަހުގެ 9 ކުން 11 އަށް ބީޗު ވޮލީ ނޭޝަންސް ލީގު ކުރިއަށްދާ އިރު، ހަމަ އެ މަހުގެ 13 އިން 15 އަށް ބީޗު ވޮލީ ޗެމްޕިއަންޝިޕް މުބާރާތް ވެސް ކުރިއަށް ދާނެކަމަށް ކަލަންޑަރުގައި ވެއެވެ. މި ދެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގައެވެ. ހަތަރު ވަނަ މުބާރާތެއްގެ ގޮތުގައި ކާވާ ވިމަންސް ޗެމްޕިއަންޝިޕް، ސެޕްޓެމްބަރު މަހުގެ 24 އިން 30 އަށް ބޭއްވުމަށް ތާވަލް ކޮށްފައި އޮތްއިރު އެ މުބާރާތްވެސް ބާއްވަނީ ޒުވާނުންގެ މަރުކަޒުގައެވެ.

މީގެތެރެއިން ގިނަ މުބާރާތްތަކުގައި އެއްވެސް ދިވެހި ޓީމެއް ބައިވެރިވެފައި ނުވާއިރު، މިއީ ކޮންމެވެސް އެހެން މަގުސަދެއްގައި ކުރިއަށް ގެންދާ މުބާރާތްތަކެއް ކަމަށް ވޮލީ ބޯޅައިގެ ހަރަކާތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ސްޕޯޓްސް މިނިސްޓްރީންނާއި ވީއޭއެމްގެ ބަޖެޓުން މި މުބާރާތްތަކަށް ޚަރަދުކުރުން ކަން އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮމެންޓް