މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށް އުފާ ފާޅުކުރަނީ - ފޮޓޯ: އަލްޖަޒީރާ ސްޕޯޓްސް
މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޓޮޓެންހަމް އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި
މިއީ 17 އަހަރަށްފަހު ޓޮޓެންހަމަށް ލިބުނު މިފަދަ ފުރަތަމަ ކާމިޔާބީ
ޖުނާން އަޙުމަދު 22 މޭ 2025 (ބުރާސްފަތި)   10:48
ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްމެޗްގައި ޓޮޓެންހަމް އާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލުކުރި މެޗްގައި މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށް، ޓޮޓެންހަމް އިން ތަށި އުފުލާލައިފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށް ޓޮޓެންހަމް އިން ޔޫރޮޕާ ލީގު މިފަހަރު ކާމިޔާބު ކުރިއިރު، މިއީ 17 އަހަރަށް ފަހު ޓޮޓެންހަމް އިން ކާމިޔާބު ކުރި ފުރަތަމަ ތަށިކަން ފާހަގަކޮށްލެވެއެވެ. އަދި އެ ޓީމުގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ ކޯޗުކަމުގެ ދަށުން ކާމިޔާބު ކުރި ފުރަތަމަ ތައްްޓެވެ.

ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް މެޗު ޓޮޓެންހަމް އިން ކާމިޔާބު ކުރީ ފުރަތަމަ ހާފުގައި ލަނޑުޖަހާ 1-0 ގެ ނަތީޖާއަކުން ނެވެ.

ޓޮޓެންހަމް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ބްރެނަން ޖޯންސަން އެވެ. އެއީ ޓޮޓެންހަމްގެ ޕަޕޭ މަޓާ ސާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް، އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އިރު، މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ރަސްމުސް ހޮލުންޑް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ރޮނގު މަތިން އެ ބޯޅަ ސަލާމަތް ކުރީ ޓޮޓެންހަމްގެ ޑިފެންޑަރު މިކީ ވެން ޑަ ވީން އެވެ.

ކޮމެންޓް