އެމްއޯސީގެ އިންތިހާބީ ކޮންގްރެސް އޮތީ އިއްޔެ މީރުމާ ގައެވެ. 2025 އިން ފެށިގެން 2029 ވަނަ އަހަރާ ހަމައަށް އެމްއޯސީ އެކްސްކޯގެ މަގާމުތަކަށް މީހުން ހޮވާފައިވާ އިރު، ނައިބު ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ މިހާރުވެސް އެ މަގާމުގައި ތިއްބެވި، އަދި ހޮވުނު މުންތަގިމްއާއި އަހުމަދު އިސްމާއީލްގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްތަފާ މުހައްމަދު (މުސްތޮ) އެވެ. އަހުމަދަށް 15 ވޯޓު ލިބުނުއިރު މުންތަގިމަށް ލިބުނީ 12 ވޯޓެވެ. އަދި މުސްތަފާއަށް ލިބުނީ ތިން ވޯޓެވެ. އެއް ވޯޓު ވަނީ ބާތިލުވެފައެވެ.
ޖުމުލަ 14 މެންބަރުންގެ މައްޗަށް އެމްއޯސީގެ އެކްސްކޯ އެކުލެވިގެންވާ އިރު، އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުންނާއި އޮލިމްޕިކް ސްޕޯޓްސް ރެޕްރެސެންޓިވްސްގެ ހަ މެންބަރުން، ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސްގެ ދެ މެންބަރުން އަދި އަންހެން ދެ މެންބަރުންނެވެ. އޭގެ އިތުރުން، އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެންބަރެއްވެސް ހިންގާ ކޮމިޓީގައި ހިމެނެއެވެ. މިވަގުތު ހުރި އެތުލީޓްސް ކޮމިޝަންގެ މެންބަރުގެ ދައުރު ހަމަވާނީ މިއަހަރު ޑިސެމްބަރު މަހަށެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި އޮލިމްޕިކް ސްޕޯޓްސްގެ ގޮނޑިތައް ކާމިޔާބުކުރެއްވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.
ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ޖާގަ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ލިބުނުއިރު، އަންހެން ދެ މެންބަރުންގެ ޖާގަ ލިބުނީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ.
އިއްޔެގެ އިންތިހާބަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ސައްތާރު، ވިދާޅުވީ، އެމްއޯސީގެ އާ ދައުރަކާ ހަވާލުވާއިރު، ދެ އެސޯސިއޭޝަނެއް އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާ، ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.
އެ ގޮތުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނޯމަލައިޒްވެފައިވާއިރު، ވޯލްޑް ބެޑްމިންޓަން ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ވަނީ، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކޮށްފަ އެވެ.
ސައްތާރު ވިދާޅުވީ، މިއީ އެސޯސިއޭޝަންތަކުގެ ހިންގުމުގެ މައްސަލަތައް ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން އެސޯސިއޭޝަންތަކާ ގުޅިގެން މިހާރަށް ވުރެން ބޮޑަށް އެމްއޯސީ އިން މަސައްކަތް ކުރާނެ ކަމަށެވެ.
"މިހާރު މިސާލަކަށް ދެ ކުޅިވަރެއް (އެސޯސިއޭޝަނެއް) މި އޮތީ ނޯމަލައިޒޭޝަނަށް ގޮސްފަ. އެހެންވެ އަޅުގަނޑުމެން ބޭނުންވޭ ވަރަށް ބޮޑަށް، ކުޅިވަރު ތެރޭގައި މިހާރު މިކަހަލަ ކަންތައްތައް ވިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅުމަށް." ޗަމްޕީ ވިދާޅުވި އެވެ.
މީގެ އިތުރުން، ސައްތާރު ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލް އަދި ކޮމިޝަނާ އޮފް ސްޕޯޓްސް ގުޅިގެން އެސޯސިއޭޝަންތަކުގެ އޮޑިޓް ބަލައި، އެ ކަންކަން މިހާރަށް ވުރެން ރަނގަޅަށް ކުރަން ނިންމާފައިވާ ކަމަށެވެ.