ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާކަމަށެވެ. އޭގެ ތެރޭގައި، އެފްއޭއެމްގެ ކުރީގެ ރައީސް، ގ. ފަހިވާގެ، ބައްސާމު އަދީލް ޖަލީލް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެ އެސޯސިއޭޝަންގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ހިމެނޭކަމަށް އެ މެސެޖުގައި ވެއެވެ.
މީގެ އިތުރުން އެ މެސެޖުގައި ވަނީ، ކްލަބްތަކަށް ސަބްސިޑީގެ ގޮތުގައި ދިން ފައިސާއަށް ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ފާހަގަކުރެވުމުން، އެކަން ވެސް ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް، ބައްސާމަށް ދައުވާތަކެއްކޮށްފައި ވާއިރު، އެ މައްސަލައިގައި އިތުރު ދެ މީހަކަށާއި އަމީން ކޮންސްޓްރަކްޝަނަށް ވެސް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ން އެދުނެވެ.
އަމީން ކޮންސްޓްރަކްޝަންގެ އިތުރުން ޕީޖީން ވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި މަސައްކަތްކުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލާއި އެ އެސޯސިއޭޝަންގައި އެކި މަގާމުތައް އަދާކުރަމުން އައި މ. ހިރިނައިދޫ، ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްފައެވެ.
އެ ދެ މީހުންގެ މައްޗަށް ވެސް އުފުލައިފައި ވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.