މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ 20 މާރިޗު މަހުއެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
މި މައްސަލާގައި ޝަމްއާން ހިމެނޭހެން ފަސް މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު، އޭނާގެ އިތުރުން ދެން ދައުވާ ކޮށްފައިވަނީ އިމިގްރޭޝަންގެ ތިން އޮފިސަރުން ކަމަށްވާ ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދާއި ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އަދި މ. ހަޒާރީވިލާގެ، އަހުމަދު ލައްސާންގެ މައްޗަށެވެ.
ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ފެށީ ތިން މީހެއްގެ ބައިން ކަމަށްވާއިރު، މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހުސާން ފާހާގަކުރެއްވި ގޮތުގައި، މިއަދު ޝަރީއަތް ބޭއްވީ ޝަމްއާންގެ އިތުރުން އަލްސަން އަދި ސެހެޝާންގެ ބައެވެ. ލައްސާން އާއި އިބްރާހީމް އަހުމަދުގެ ބައި ވަކިން ގެންދަން ނިންމާފައި ވަނީ އޭނާ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ އެވެ. ނަމަވެސް އިބްރާހީމް އަހުމަދުގެ ބައި ވަކިން ގެންދާ ސަބަބެއް ގާޒީ ފާހަގަނުކުރައްވައެވެ.
ޝަމްއާނާއި އަލްސަންގެ ބައިގެ އަޑުއެހުމެއް މިއަދު ބޭއްވި ނަމަވެސް، މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދު ކޮށްދީފައި ނުވާތީ، އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ވަނީ ނުވެފައެވެ. އެހެންކަމުން ދައުވާ އިއްވުމަށާއި ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ވެސް މިއަދު ތާވަލުކުރިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެނީ، ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވާތީ ކަމަށެވެ.