ގޯލްޑް ކަޕް 2024 ގެ ކާމިޔާބީ އޭދަފުށީގައި ފާހަގަކުރަނީ - ފޮޓޯ:ސިޑިބަރި
ގޯލްޑް ކަޕްގެ ކޮލިފައިން ބާއްވަން ރަށްތަކަށް ފުރުސަތު ހުޅުވާލައިފި
ޖުނާން އަޙުމަދު 28 ޖޫން 2025 (ހޮނިހިރު)   19:27
ނައިންޓީ ޕްލަސްއިން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑް ކަޕްގެ ކޮލިފައިން މެޗުތައް ބޭއްވުމަށް ރަށްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މިފަހަރުގެ މުބާރާތުގައި 28 ޓީމަށް ވާދަކުރުމުގެ ފުރުސަތު ދޭއިރު، އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ ކޮލިފައިން މެޗުތަކުން ކަމަށް ނައިންޓީ ޕްލަސްއިން ބުނެފައިވެ އެވެ.

މިހާތަނަށް މުބާރާތުން ޖާގަ ކަށަވަރުވެފައިވަނީ 10 ޓީމަށެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި، ރަނަރަޕް އައްޑޫ، އަދި ސެމީ ފައިނަލިސްޓުންގެ ގޮތުގައި ހިމެނުނު މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލައް، ކ. ގުރައިދޫ، ޅ. ނައިފަރު އަދި ކ. މާފުށި ހިމެނެއެވެ. އަދި ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީއަށް ވަނީ އިންވިޓޭޝަން ސްޕޮޓް ލިބިފައެވެ.

މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހާލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ. ދެވަނަ ބުރަށް ދަތުރުކުރާނެ ގަދަ 16 ޓީމުގެ ތެރޭގައި ކޮންމެ ގުރޫޕެއްގެ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ހުރިހާ ގުރޫޕެއްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމު ހިމެނޭނެ އެވެ.

35 ދުވަހަށް ދެމިގެންދާ މި މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. ކޮންމެ ދުވަހަކު ކުޅޭނީ ދެ މެޗެވެ. މުބާރާތް ބޭއްވުމަށް ނައިންޓީ ޕްލަސްއިން އަމާޒު ކުރަނީ އަހަރުގެ ފަހުކޮޅަށެވެ. އެފްއޭއެމްގެ ފުޓްބޯޅަ ކަލަންޑަރަށް ރިއާޔަތްކުރުމަށްފަހު، މުބާރާތް ފަށާ ތާރީޚު އިއުލާންކުރާނީ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ނައިންޓީ ޕްލަސްއިން ބުނެއެވެ.

ކޮންމެ އަތޮޅަކުން ވެސް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށަކަށް އެ އަތޮޅެއްގެ ކޮލިފައިން ބޭއްވުމުގެ ފުރުސަތު ލިބޭނެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ [email protected] އަށް މެއިލް މެދުވެރިކޮށެވެ. ލ. އަތޮޅުވެގެންދާނީ ގޯލްޑް ކަޕްގެ ކޮލިފައިން ބާއްވާ ފުރަތަމަ އަތޮޅަށެވެ. އަދި އަރިއަތޮޅު އުތުރާއި ދެކުނުގައި ވެސް ކޮލިފައިން ބޭއްވުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ނައިންޓީ ޕްލަސްއިން ބުނެއެވެ.

ކޮމެންޓް