ޔުމްނު އާއި ރައުދު ހ. ފެންޓެނޯއީ ގޭގައި.--
ކޮމިޝަނުން ބުރަވަނީ ޔުމްނު ވެއްޓުނީ ކަމަށް
މަރްޔަމް މުޙައްމަދު 17 ޖޫން 2025 (އަންގާރަ)   23:37
މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.

ނަމަވެސް، ކޮމިޝަނުން ބުނި ގޮތުގައި އެ ކޮމިޝަނަށް ބޮޑަށް ބުރަވެވެނީ ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު ވެއްޓުނީ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށެވެ. އަދި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.

އެ ރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދިނެވެ. އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށެވެ.

ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން ހަތަރު ކަމެއް ރިޕޯޓްގައި ފާހަގަކުރި އެވެ؛

  • ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން
  • ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
  • ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަން
  • ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން

އެހެންވެ، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރައުދު ގަސްދުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ވެސް ނުފެންނަ ކަމަށް ރިޕޯޓްގައި ބުންޏެވެ.

ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ރިޕޯޓްގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށެވެ.

ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.

ރިޕޯޓްގައި ވާގޮތުން؛

  • ޔުމްނު އާއި ރައުދު މަސްތުގެ ހާލަތަށް އައީ އެ ދެމީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އެމީހުން އުފުލަން ޖެހޭ
  • ޔުމްނު ވެއްޓުމުގެ ކުރިން ދެމީހުންގެ ހަރަކާތްތަކަށް ބަލާއިރު އަދި އެ ރޭ ހިނގި ކަންކަން ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ

ކޮމިޝަނުން މިގޮތަށް ކަނޑައެޅިއިރު، ރައުދު ވަނީ ދެފަހަރެއްގެ މަތިން ހައްޔަރުކޮށް ޖުމްލަ 34 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ ރައުދުގެ މައްޗަށް އުފުލައިފަ އެވެ. ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އުފެއްދެވީ އެޕްރީލް 27 ވަނަ ދުވަހުގެރެއެވެ.

މި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ. މުނައްވަރު މީޑިއާއަށް ހާމަކުރައްވާފައިވާ ގޮތުގައި ކޮމިޝަނުގެ ތަހުގީގަށް ޖުމްލަ 69 މީހެއްގެ ބަޔާން ނަގާފައިވެއެވެ. އެހެންނަމަވެސް ޔުމްނުގެ ބަޔާނެއް ކޮމިޝަނުގެ ތަހުގީގަށް ލިބިފައި ނުވާކަން ރިޕޯޓްގައި ފާހަގަކޮށް، އޭނާގެ ބަޔާން ހޯދުމަށް ކޮމިޝަނުން މަސައްކަތް ކުރިގޮތްވެސް ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓް (ޑައުންލޯޑް ކުރެއްވުމަށް)

ކޮމެންޓް
ރަހީމުﷲ
6 months ago
ދެން ތިކަންވެސް ތި ނިމުނީދޯ. ކޮންމެވެސް އެހެންކަމެއް ހިގީމައި އަނެއްކާވެސް އަނެއްބަޔަކު ތެޅިގަންނާނެ