ފުލުހުންގެ ބެލުމުގެ ދަށުން ރައުދު ދޫނިދޫއަށް ގެންދިޔުމަށް ލޯންޗަށް އަރުވަން ގެންދަނީ.--
ރައުދު އަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް
މައްސަލަ ނިންމީ ރައުދު މިހާރު ތަންފީޒު ކުރަންޖެހޭ ހުކުމެއް ނެތްގޮތަށް
ޖުނާން އަޙުމަދު 26 ނޮވެމްބަރ 2025 (ބުދަ)   14:04
ހެންވޭރު މިޓާޒްގެ ފުރާޅު މައްޗަށް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދުއާ ވެއްޓުނު ހާދިސާ ހިނގި ވަގުތު ޔުމްނުއާ އެއްކޮށް ހުރި ކަމަށްވާ ރައުދު އަޙުމަދު ޒިލާލު ގ. އެރިޔަދޫ، އަށް 27 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވާ، މިހާރު އޭނާ އިތުރު ހުކުމެއް ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ކޯޓުން ހުކުމް އިއްވައިފިއެވެ.

އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ ރައުދުގެ މައްޗަށް ކޮށްފައިވާއިރު، އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވުމުން އޭނާގެ އަދަބު ވަނީ ލުއިކޮށްދީފައި ކަމަށްވާތީ، މިއަދު މައްސަލަ ނިމުނީ، ރައުދު އިތުރު ހުކުމެއް ތަންފީޒު ކުރަން ނުޖެހޭ ގޮތަށެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވުމުން، އޭނާގެ އަދަބު 27 ދުވަހުގެ ޖަލު އަދަބަކަށް ޝަރިއަތުން ލުއިކޮށްދިނުމުންނެވެ.

އަދަބު ލުއިކޮށްދިންއިރު، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު، ހުކުމަށްވުރެ އިތުރުވުމުން އޭނާ ދެން އިތުރަށް ތަންފީޒުކުރަން ޖެހޭ ހުކުމެއް ނެތްކަމަށް ކޯޓުން ހުކުމް ކުރިއެވެ.

ޔުމްނުގެ މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރައުދު ހައްޔަރުކޮށް އޭނާ ދޫކޮށްލާފައި ވެސް ވެއެވެ. އޭނާ އެންމެ ފަހުން ބަންދުން ދޫކޮށްލީ ޕީޖީ އޮފީހުން އެގޮތަށް އިރުޝާދުދީ ފުލުހުންނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ފުރަތަމަ ރައުދު ހައްޔަރު ކުރަން ނެރުނު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާއާ ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެއިރު ޕޮޒިޓިވް ވެފައި ވެ އެވެ.

އެ މައްސަލައިގައި ފުލުހުން އަމަލު ކުރަމުންދިޔަ ގޮތަށް ފާޑުކިޔުން އަމާޒުވާން ފެށުމުން އޭޕްރިލް 24، ގައި ރައުދު ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.

ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ހާދިސާ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. އެ މައްސަލައިގައި ފުލުހުން ހަދާފައި ހުރި ވަރަށް ބޮޑެތި ގޯސްތަކެއް ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ފާހަގަވި ވިއެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން މި މައްސަލާގައި ރައުދު އާއި އެންމެ ފުރަތަމަ ފުލުހުން ސުވާލު ކުރުނުން ޔުމްނު ވެއްޓުނީ އޭނާގެ ގައިގައި ހިފަހައްޓައިގެން ހުއްޓައި ކަމަށް ރައުދު ބުނެފައިވެ އެވެ.

ކޮމެންޓް