ދާއޫދު އަހުމަދު
ދޮގު ބަޔާން ދީފައިވާތީ ދާއޫދު މަގާމުން ވަކިކޮށްފި
ޖުނާން އަޙުމަދު 19 ޖޫން 2025 (ބުރާސްފަތި)   00:17
ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ، ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު ވަކި ކުރީ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް އުފެއްދެވި ކޮމިޝަނުގެ ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ކަމަށެވެ.  

"2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ،  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަޤާމުން ވަކިކުރައްވައިފި." ހީނާ ވަލީދު ވިދާޅުވެފައި ވެއެވެ.

އިއްޔެ އާންމުކުރި ރިޕޯޓްގައި ވާގޮތުން ދާއޫދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ގުޅައި މެސެޖު ކުރި ނަމަވެސް، ކޮމިޝަނުގެ ތަހުގީގުގައި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެ ދޮގު ހަދާފައިވާކަން ހާމަވެއެވެ.

އަދި ޔުމްނު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު އެނގި ހުރެ އެކަން ކަމާބެހޭ ފަރާތްތަކަށް ދާއޫދު އަންގާފައި ނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެއީ ރައުދުއާ އެއްވަރަށް މިކަމުގައި ދާއޫދު ވެސް އިހުމާލުވުން ކަމަށް ބަލައި އޭނާގެ މައްސަލަ އިދާރާތަކުން ތަހުގީގު ކުރުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދާއޫދު ބަޔާން ދެމުން ބުނެފައި ވަނީ ޔުމްނުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކަށް ގުޅާފައި ނުވާނެ ކަމަށެވެ. "މިކަމާ ގުޅިގެން ސަރުކާރުގެ ސީނިއާ އެއްވެސް މީހަކަށް، ފުލުހަކަށް، އަދި ވަޒީރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދު އަހުމަދު ބުނެފައިވޭ."

ނަމަވެސް މިނިސްޓަރު އިހުސާން ކޮމިޝަނަށް ދެއްވި ބަޔާނުގައި ވިދާޅުވީ އޭޕްރިލް 18، ގެ ރޭގަނޑު ދާއޫދު ގުޅުމުން ފޯނު ނަގައި ވާހަކަ ދެއްކެވި ކަމަށާއި އޭނާ ކުރި މެސެޖުތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށެވެ. އޭނާއަކީ 2023 ގެ ރިޔާސީ އިންތިހާބުން ފެށިގެން ދަންނަ މީހެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދާއޫދު އަހުމަދު ގުޅުމުން އެއް މިނެޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި، އެ ފޯނަށް ޖަވާބުދީ އައިޑީ ކާޑު ނަންބަރު ފޮނުވައި ދިނުމަށް ވިދާޅުވެފައިވާނެ ކަމަށާއި އާންމު އުސޫލުންން ވެސް ކޮންމެ މީހަކު ގުޅި ނަމަވެސް އައިޑީކާޑު ނަންބަރު ފޮނުވައި ދިނުމަށް އެދޭ ކަމަށާއި، އެ ކޯލްގައި ހަނދާންވާ ގޮތުން ދާއޫދު އަހުމަދު ބުނެފައިވަނީ ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި ކަމަށާއި މައްސަލައިގެ ވަކި ތަފްސީލެއް ނުދީ ދާއޫދު އަހުމަދު އެހެން ބުނުމުން ބަލައިލާނެ ކަމަށް ވިދާޅުވެފައިވާނެ،" މިނިސްޓަރު ދިން ބަޔާނުގައި ވިދާޅުވި ކަމަށް ރިޕޯޓުގައި ވެއެވެ.

ދާއޫދު މިއަދު މަގާމުން ވަކިކުރިއިރު، އެޕްރީލް 24 ހުން ފެށިގެން އޭނާ ހުރީ މުސާރަ ނުލިބޭ ގޮތަށް މަގާމުން ސަސްޕެންޑްކޮށްފައެވެ. އަދި އެ ދުވަހާ ޖެހެންދެން އޭނާ ހުރީ "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައެވެ. އޭނާ ވަނީ ހަމަ އެ ދުވަހު އެ ކޮމިޓީން އިސްތިއުފާ ދީފައެވެ.

ކޮމެންޓް