އީރާނުން އިސްރާއީލާއި ދެކޮޅަށް އެންމެ ފަހުން ދިން ހަމަލާއަށްފަހު ނެރެފައިވާ ބަޔާނެއްގައި އައިއާރްޖީސީ (އީރާނުގެ ރިވޮލިއުޝަނަރީ ގާޑް) އިން ބުނެފައިވާކަމަށް އީރާނުގެ މީޑިއާތަކުން ހާމަކުރަނީ އެގައުމުގެ ބާރުގަދަ 'ފަތަހަ' މިސައިލްތައް އިސްރާއީލުގެ މިސައިލް ޑިފެންސް ސިސްޓަމްތައް މުޅިން ފޫއަޅުވާލާފައިވާ ކަމަށެވެ.
އިސްރާއީލުން އިސްވެ، އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ފެށުނު މި ހަނގުރާމައިގައި މިހާރު އީރާނަށް ލިބެމުންއަންނަ ކާމިޔާބުތަކުން އީރާނުގެ ބާރުގަދަކަން އިސްރާއީލަށް މިހާރު ވަރަށް ރަނގަޅަށް އެނގިގެން ދާނެކަމަށް ވެސް އައިއާރްޖީސީ އިން ބުނެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރު އީރާނުން އިސްރާއީލާއި ދެކޮޅަށް އެންމެ މަދުވެގެން 9 ހަމަލާ މިހާރު ވަނީ ފޮނުވާލާފައިވާނެއެވެ. އެގޮތުން އެންމެ ގިނަ މިސައިލްތައް ބޭނުންކޮށްގެން ހަމަލާދީފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާ، އެ ވަގުތު އީރާނުން އިސްރާއީލާއި ދެކޮޅަށް 30 މިސައިލް އެއް ފަހަރާ ފޮނުވާލާފައިވާކަމަށް ވެސް އަލްޖަޒީރާއިން ބުނެއެވެ.
އޭގެތެރެއިން ބައެއް މިސައިލް ވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ހުންނަ ސިޓީއެއް ކަމަށްވާ ހާޒްލިޔާއަށް ވެއްޓިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިރާނުން ދިން ހަމަލާތަކުގެ އިތުރުން ރޭ އިސްރާއީލުން ވެސް އީރާނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.