އިރާނުގެ ހަމަލާތައް ގަތަރުގެ ރަށްބޭރުގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް ދެނީ.-- ފޮޓޯ: ރޮއިޓާސް
މެދުއިރުމަތީގެ މަސްރަހު ގޯސްވުމުން ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ
ފިޔެސް 24 ޖޫން 2025 (އަންގާރަ)   06:34
އިރާނުން ގަތަރުގެ ރަށްބޭރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް ކުރުމުން ރާއްޖެއަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވިއްޖެ އެވެ.

އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ވަނީ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފައެވެ. ބާރުގަދަ މިސައިލްތައް ބޭނުންކޮށްގެން އީރާނުން ރޭ ދިން ހަމަލާތައް ގަތަރުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވަނީ ހަލާކުކޮށްލާފަ އެވެ.

މި ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.

ރާއްޖެއަށް ޔޫރަޕުން އަންނަ ވަރަށް ގިނަ ފަތުރުވެރިން އަންނަނީ ޑުބާއީ އާއި ދޯހާ މަގުންނެވެ. އެހެންކަމުން އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން ރާއްޖޭގެ ޓުއަރިޒަމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.

މިއަދު ވެސް ދުބާއީ އިން ހަތް ފްލައިޓު އަދި ދޯހާ އިން ވެސް ދެ ފްލައިޓު ރާއްޖެއަށް އައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުން އެ ފްލައިޓުތައް ކެންސަލް ކުރާނެ ކަމަށް ބެލެވެ އެވެ.

އިޒްރޭލު-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެ އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހަނގުރާމަ މިވަނީ ފުޅާވެފައެވެ. އަދި މެދުއިރުމަތީގެ މަސްރަހު މި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މެދުއިރުމަތީގެ ހާލަތާ ދުނިޔޭގެ ތެލުގެ އަގު ގުޅިފައި ވުމުންނާއި ޑުބާއީ މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކުރަމުން ދިޔުމާއި ޔޫރަޕްގެ ގިނަ ފުލައިޓްތައް ދޯހާ އާއި ޑުބާއީ މެދުވެރިކޮށް ރާއްޖެ އަންނައިރު، މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ. 

ކޮމެންޓް