ސިވިލް ކޯޓުން އިއްޔެ ބައްސާމްގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމަކީ އޭނާ މީހެއްގެ އަތުން ނަގާފައިވާ ފައިސާއިން އަނބުރާ ނުދައްކާ އޮތް، 269،714 ރުފިޔާ ހޯދަން އެމީހާ ކުރި ދައުވާއަކާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ. އަދި އެ ދައުވާގައި، އެ ފައިސާ އަނބުރާ ނުދެއްކުމުން އިތުރު 6000 ރުފިޔާއާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25000 ރުފިޔާ ހޯދުމަށް ދައުވާ ކުރާ ފަރާތުން އެދިފައިވާ ކަމަށް، މައްސަލަ ނިމުމުގެ ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައި ވަނީ 314،714 ރުފިޔާ، 18 ޖޫން 2025 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ބައްސާމް އަދީލް ޖަލީލް ސިވިލް ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުން މި ހުކުމް އިއްވި އިރު، އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވީ ކަމުގެ ބޮޑެތި ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ބައްސާމްއާ ދެކޮޅަށްފެށިފައިވާ ކަން ފާހަގަކޮށްލެވެއެވެ.