އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރުކަމުން މުޙައްމަދު އާސިފް - ފޮޓޯ: އީސީ
އީސީ އިން އާސިފް ވަކިކުރި މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ނިންމައިފި
މަރްޔަމް މުޙައްމަދު 3 ޖުލައި 2025 (ބުރާސްފަތި)   23:00
އީސީ (އިލެކްޝަންސް ކޮމިޝަން) ގެ މެމްބަރުކަމުން މުޙައްމަދު އާސިފް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން، އާސިފް އީސީގެ މެންބަރުން ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލައިގައި އިއްޔެ ހުކުމް ކޮށްފައިވާއިރު، އާސިފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އީސީގެ މެންބަރުކަމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

އަދި އޭނާ ވަކިކުރުމުގައި އަމަލްކޮށްފައި ވަނީ، މިފަދަ މައްސަލަތަކުގައި މިނިވަން ދިމިގުރާތީ ނިޒާމުތަކުގައި ބަލައިގަނެފައިވާ އުސޫލުތަކާއި، އަދުލު އިންސާފުގެ ހަމަތަކުން ބޭރުންކަމަށާ، އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ ނިންމުމުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުން އޭނާ މަހުރޫމްވިކަމަށް ކަނޑައަޅައިދީ، މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި، މައްސަލަ ޝަރީއަތް މެދުވެރިކޮށް ހައްލުކުރުމަށްޓަކައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަންޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި ހަރަދުކުރަންޖެހުނު ފައިސާ ހޯދައިދިނުމަށް ވެސް އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމްގައި ބުނީ ގާނޫނުއަސާސީގެ 177 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަދަ ހާލަތެއް އީސީގެ މެމްބަރަކަށް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކަށް ފެންނަނަމަ، މެމްބަރުކަމުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަ ކަމަށާ، ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލައިގެ ތެރެއިން އާސިފްގެ ފަރާތުން އެދޭ ކަމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުގެ ތެެރެއަށް ވަދެ، މަޖިލީހުން ނިންމި ނިންމުމަކީ ގޯސްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ކޯޓުން ކަނޑައެޅުމަށް ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި އީސީގެ މެމްބަރުކަމުން އޭނާ ވަކިކުރުމުގައި ގާނޫނުއަސާސީގައިވާ އިޖުރާއަތާ ހިލާފް ކަމެއް ހިނގި ކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައި ނުވާ ކަމަށާ، މި ހާލަތުގައި ކޯޓުން އެ މައްސަލަ ބެލުމަކީ ޤާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މަޖިލީީހުން ނިންމާފައިވާ ނިންމުމަކަށް، ޤާނޫނު އަސާސީއާ ހިލާފަށް ޗެލެންޖު ކުރުމުގެ ފުރުސަތު ދިނުން ކަމަށްވާއިރު، އެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެން ކަމުން އެ ޖުޑީޝަލް ރިވިއު ހުށަހަޅާފައިވާ ގޮތަށް، ކޯޓަށް އެ މައްސަލަ ބަލައި ކުރިޔަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވާއިރު، އީސީގެ މެންބަރުކަމުން އާސިފް ވަކިކުރީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި އޭނާ ވަކިކުރުމަށް 68 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.

ކޮމެންޓް
އަފީފާ
2 days ago
ރާއްޖޭގަ ޢާންމު ކަމެއް. މެޖޮރިޱި އޮތިއްޔަ. ސަރުކާރުން ބޭނުންވާ ގޮތަށް މަޖުލިސް އިން ނިންމާނި. ކޮންމެހެން ގާނޫނު އަސާސީ ގައި ވާ ގޮތެއް ނުބަލާ ނެ. މަޖުލިހުގެ މެޖޮރިޱި ސަރުކާރު ހިންގާ މައި ޕާޓީ އަށް ދިނުމަކި މިބާވަތުގެ ކަންކަން ހިންގާ ލާން ވަރަށް ފަސޭހަ ކަމަކަށް ވާނެ.