އަހަރަކު އެއްފަހަރު ބަދަލުކުރާ ކިސްވާ އިއްޔެ ބަދަލުކޮށްފި
ގެފުޅު އުރަކޮޅުގެ އަގު މިހާރު 4.5 މިލިޔަން ޔޫއެސް ޑޮލަރަށް އަރާ
މުޙައްމަދު ޤާސިމް 28 ޖޫން 2025 (ހޮނިހިރު)   16:47
ކަޢުބަތުﷲ ގެފުޅު ނިވާކޮށްގެން ޒީނަތްތެރި ކުރާ، ކިސްވާގެ ނަމުން މަޝްހޫރު ކަޢުބާގެ އުރަކޮޅު ނިވާކުރުމުގެ ސަގާފަތަކީ ތާރީޚު ބުނާގޮތުން ހިޖުރައިން 1 ވަނަ ގަރުނުގެ ވެސް ކުރިން (މީލާދީން 7 ވަނަ ގަރުނު) ގެ ތެރޭގައި ފެށިގެންއައި ސަގާފަތެކެވެ. އަދި މިއީ ޔަމަނާއި މިސްރުގެ ފޭރާމުން ފުރަތަމައަށް ނިވާކުރި ތަންކަމަށް ވެސް ބުނެވެއެވެ. މިއަދު ބޭނުންކުރާ ކަޅު ސިލްކް ބްރޯކޭޑަކަށް ވުމުގެ ކުރިން މި އުރަކޮޅުގެ އަސްލު ފުރަތަމަ ހެދީ މިޞްރުގެ، އަދި ބައެއް ފަހަރު ޔަމަނުގެ ހުދު ލިލީން އިންނެވެ. އެ ކުލަ ދެން ރަތް ކުލައަށް ބަދަލުވިއެވެ، އެއަށްފަހު ދެން ފެހި ކުލައަށް ވެސް ބަދަލުވިއެވެ.

ހައްޖު ދުވަސްވަރު އަހަރަކު އެއްފަހަރު އައު ކިސްވާއެއް ބަދަލުކުރުމަކީ އިސްލާމީ މުހިންމު އާދަކާދައަކަށް ވެފައި ވެއެވެ. އަދި މިކަމަށްޓަކާ ހާއްސަ މަރުކަޒެއް ވެސް ސައުދީގައި ގާއިމު ކޮށްފައި ވެއެވެ. އުރަކޮޅަކީ މައްކާގައި ހުންނަ "ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޮރ ދަ މެނުފެކްޗަރިންގ އޮފް ދަ ކަޢުބާ ކިސްވާ" ގައި އަހަރަކު އެއްފަހަރު އުފައްދާ އެއްޗެކެވެ. މީގެ އަގު އަންދާޒާ ކުރެވޭގޮތުގައި، ގާތްގަނޑަކަށް 4.5 މިލިއަން ޔޫއެސް ޑޮލަރު (17 މިލިއަން ސަޢޫދީ ރިޔާލް) އަށް އަރައެވެ.

100 އަށް ވުރެ ގިނަ ހާއްސަ ފަންނުވެރިން ބައިވެރި ވެގެން ވަރަށް ފަރުވާތެރި ކަމާއެކު ކުރެވޭ މި މަސައްކަތަށްފަހު ކިސްވާ ބަދަލުކުރުން، ކޮންމެ އަހަރެއްގެ ވެސް މުހައްރަމް މަހުގެ ފުރަތަމަ ދުވަހު ކުރިއަށްގެންދެއެވެ. އަދި މި މަސައްކަތް ކުރުމަށް ޒަމާނީ ފަސޭހަ ވަސީލަތްތައް ބޭނުންކުރަމުން އަންނަނީ އުރަކޮޅު ބަދަލު ކުރުމުގެ ތެރޭގައި ކައުބާގެ އެއްވެސް ބައެއް އެއްވެސް ވަރަކަށް ހާމަނުވާ ގޮތަށެވެ.

ބަރުދަން އެއް މެޓްރިކް ޓަނަށް ވުރެވެސް ބަރު ކިސްވާ، އެކުލެވިގެން ވަނީ 47 ފަށުވި ފޮތިގަނޑުގެ މައްޗަށެވެ. މި މުޅި ކިސްވާގެ ބޮޑުމިނުގައި 658 އަކަމީޓަރު ހުންނައިރު، ކިސްވާ ފެހުމަށް ބޭނުން ކޮށްފައިވަނީ 150 ކިލޯގްރާމްގެ ރަނާއި ރިހިން ޕްލޭޓް ކޮށްފައިވާ ބަރަންޏެވެ. 670 ކިލޯގްރާމްގެ ގުދުރަތީ ކަޅު ފަށުވިން ހަދާފައިވާ ކިސްވާގައި، ކީރިތި ގުރުއާނުގެ 68 އާޔަތް 24 ކެރެޓް ރަނުން ޕްލޭޓް ކޮށްފައިވާ ބާދަލާ ބަރަނިން ލިޔެފައިވެއެވެ. ލިޔެފައިވާ މި އާޔަތް ތަކަކީ ހާއްސަ ފަންނުވެރިންގެ އަތުން ފަހައިގެން ލިޔެފައިވާ އަތުލިޔުމެކެވެ.

ކިސްވާ ބަދަލުކުރުމަށް ފަހު، ކުރީ އަހަރުގެ ކިސްވާ ނަގައި، ގާތްގަނޑަކަށް 56 ބަޔަކަށް ބައިކުރެއެވެ. އެއަށްފަހު މި ބައިތައް ރަސްކަމުގެ އަމުރުފުޅާ އެއްގޮތަށް ރަސްރަސްކަލުންނަށާއި، ގައުމުތަކުގެ އިސްވެރިންނަށާއި، ބޭރުގެ ސަފީރުންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމިއްޔާތަކަށާއި، ފާހަގަކޮށްލެވޭ ބައެއް ދީނީ މުއައްސަސާތަކަށް ބަހާލައެވެ. އަދި އިތުރު ބައިތައް ހާއްސަ ދާރުލް އާސާރެއްގައި ރައްކައު ވެސް ކުރެއެވެ.

ކޮމެންޓް