މާދަމާއިން ފެށިގެން އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯޗިން ކޭމްޕުގައި ޖުމްލަ 65 ކުދިން ބައިވެރިވެފައިވާކަމަށް ވެލިދޫ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ ތެރޭގައި 9 އަހަރާއި 12 އަހަރާއި ދެމެދުގެ 37 ކުދިންނާއި، 13 އަހަރާއި 18 އަހަރާ ދެމެދުގެ 28 ކުދިން ހިމެނޭ ކަމަށާ، މި ކޭމްޕުގެ ސެޝަންތައް ކުރިއަށްދާނީ ދެ އުމުރުފުރައަށް ބަހާލެވިގެން ވަކިވަކިން ކަމަށް ވެސް ވެލިދޫ ކައުންސިލުން ބުނެއެވެ.
މި ކޭމްޕްގެ ތަމްރީންތައް ކުރިއަށްދާނީ ޑެންމާކްގެ ފުޓްބޯޅައިގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ތަޖުރިބާ ކާރު އެ ގައުމަށް ނިސްބަތްވާ ކޯޗް 'ފްރެޑް'ގެ ބެލުމުގެ ދަށުން ކަމަށް ވެސް ވެލިދޫ ކައުންސިލުން ބުނެއެވެ. ކޯޗް ފްރެޑް އަކީ އޭނާގެ ކޯޗްކަމުގެ ދަށުން ޕްރޮފެޝަނަލް ފެންވަރަށް ގިނަ ކުޅުންތެރިންތަކެއް ތަމްރީން ކޮށްދީފައިވާ ތަޖުރިބާކާރެކެވެ.
މި ކޯޗިންގ ކޭމްޕު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވެލިދޫގައި އުވެމުންދާ ފުޓުބޯޅައިގެ ކުޅިވަރު އުފެދެމުން އަންނަ އާ ޖީލަށް ދިރުވާ އާލާކުރުން ކަމަށާ، އެހެންކަމުން މި ކޯޗިންގ ކޭމްޕުގައި ކުދިންނަށް ފުޓްބޯޅަ ކުޅުމުގެ އަސާސީ ހުނަރުތަކާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން އުގަންނާދެވިގެންދާނެ ކަމަށް ވެލިދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި ހިމެނޭއިރު، ޒުވާން އުމުރުފުރާގެ ކުދިންނަށް މިފަދަ ކޯޗިންގ ކޭމްޕުތައް ބޭއްވުމަކީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިޔުމަށް އެކުދިންނަށް ލިބޭނެ ވަރަށްބޮޑު ހިތްވަރެއް ކަމަށް އުންމީދު ކުރާ ކަމަށް ވެސް ވެލިދޫ ކައުންސިލުން ބުނެއެވެ.