ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން މިރޭ އާންމުކުރި ގޮތުގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. ފުރަތަމަ ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި ދެ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދެވަނަ ދައުވާއަކަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ތިންވަނަ އަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެއީ ފަސް އަހަރާއި 15 އަހަރާ ދެމެދު ހުކުމެއް އަންނަ އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.
މަނީ ލޯންޑްރިންގެ ދައުވާގައި ޝަމްއާން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުވާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި ޝަމްއާންގެ އަތުގައި ބެހެއްޓި ޖުމްލަ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ޕީޖީން ދައުވާފައި އެދިފައި ވެ އެވެ.
ބިދޭސީމީހާގެ އަތުން ފޭރުނު ކަމަށް ބުނާ ފައިސާއަށްވާ ބަދަލު ނަގައިދިނުމަށް ވެސް ދައުލަތުން އެދިފައިވެ އެވެ.
މި ތިން ދައުވާ ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ނުވަ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް ކޯޓުން ކުރާނެ އެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރު ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް 19 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކުރާނެ އެވެ.
މި ދައުވާތައް ޝަމްއާންގެ މައްޗަށް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ބަންދުން ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގާފައިވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުންކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
ޝައްމާނުގެ އިތުރުން މި މައްސަލާގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ. ހެޕީ ސައިޑު ހަސަން ސެހެޝާން އަދި ހަމަ އެގޭ އިބްރާހިމް އަހުމަދު، އަދި މ. ހަޒާރީވިލާ އަހުމަދު ލައްސާން، 40، އެވެ. އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ހުށަހެޅީ މެއި 12، ގަ އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. މަނީ ލޯންޑާކުރިކަން ސާބިތުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއްގެ އިތުރުން ފަސް އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އާންނާނެ އެވެ.
މި މައްސަލާގައި ހިމެނޭ އިބްރާހިމް އަހްމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.
ލައްސާންގެ މައްޗަށް އުފުލީ ދެ ދައުވާ އެވެ. އޭއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މުހައްމަދު އަލްސަން އިސްމާއީލްގެ މައްޗަށް އުފުލީ ހަމައެކަނި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި، ހަސަން ސެހެޝާންގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެކަންޏެވެ.
ޝަމްއާން އާއި މި މައްސަލައިގާ ހިމެނޭ އަނެއް ހަތަރު މީހުން މިހާރު ތިބީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރުމުން، އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓުގައާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެހެންނަމަވެސް ހައިކޯޓުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމިއިރު ސުޕްރީމްކޯޓުން އެ މައްސަލަ ބަލައިވެސް ނުގަތެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުއިއްޒުއާ ހިއްސާ ކުރުން ކަމަށްވެސް ޝަމްއާންގެ އާއިލާއިން ބުނެފައިވެއެވެ.