ގުޅީފަޅު - ފޮޓޯ: ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ
ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކާ އައު ރަޖިސްޓްރީ ހަވާލުކުރަން ފަށައިފި
މަރްޔަމް މުޙައްމަދު 5 ޖުލައި 2025 (ހޮނިހިރު)   17:54
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފާއިތުވި އެމްޑީޕީ ސަރުކާރުން ހިއްކަން ފެށި ކ. ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ އައު ރަޖިސްޓްރީ އާއި، ގޯތި ހަވާލުކުރުމުގެ އެއްބަސްވުންތައް ހަވާލުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބައެއް ފަރާތްތަކަށް މިއަދު އަންގަން ފަށައިފިކަމަށް، ގޯތި ލިބުނު ބައެއް ފަރާތްތަކުން ފިޔެސްއަށް މައުލޫމާތު ދީފިއެވެ.

މިކަމަށްޓަކައި އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުސަތު ހުޅުވާލަމުން މިމަހުގެ އެއްވަނަދުވަހު ހައުސިންގ މިނިސްޓްރީ ކުރި އިއުލާނުގައި ބުނެފައި ވަނީ، ގުޅީފަޅުން ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީ މިހާރު ބާތިލްކޮށް، އަދި ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުން ވެސް މިހާރު ވާނީ އުވައިލައިފައި ކަމަށެވެ. އަދި ގުޅީފަޅުން ލިބިފައިވާ ގޯތީގެ ލޮކޭޝަން ކަނޑައެޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މީގެ ކުރިން ގުރުއަތުނެގުމެއް ބާއްވައި ވާކަން ވެސް ފާހަގަކޮށް އިއުލާނުގައި ވަނީ، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން އެ ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން އެކަމަށްޓަކައި، ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދެވޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށާ، ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި އަދަދަކަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ލިޔެކިޔުންތައް ދޫކުރަން ހަމަޖެހިފައި ވަނީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކަމަށް އެ އިއުލާނުގައި ބުނާއިރު، އެޕޮއިންޓްމަންޓަށް އެދޭއިރު ހިޔާވެހި ޕޯޓަލަށް ހުށަހަޅަންޖެހޭ ހާއްސަ ލިޔެކިޔުންތަކެއް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

ހިޔާވެހި ޕޯޓަލްއިން އެޕޮއިންޓްމަންޓަށް އެދި އިޚްތިޔާރުކޮށްފައިވާ ތާރީހާއި ގަޑިއަށް ރިއާޔަތްކޮށް، ލިޔެކިޔުމާ ހަވާލުވާން ދާންވީ ތަން މިނިސްޓްރީން އަންގާނެ ކަމަށާ، އެހެންކަމުން މި ތަކެއްޗާ ހަވާލުވުމަށް، މިނިސްޓްރީން ކަނޑައަޅައިފައިވާ ލިޔެކިޔުން ހަމަކޮށްގެން ދިއުމަށް ވެސް މިނިސްޓްރީގެ އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އައު ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާފައިވާ ސަބަބަކީ، ފާއިތުވި މޭ މާހުގެ 30 ވަނަ ދުވަހު ޝާއިއުކުރި ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގެ ސަބަބުން، ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީއެވެ.

ކޮމެންޓް