ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އާ އެއްބަސްވުމުގައި ސޮއިނުކުރުމަށް ގުޅީފަޅު އެސޯސިއޭޝަނުން އިލްތިމާސްކޮށްފި
ޖުނާން އަޙުމަދު 7 ޖުލައި 2025 (ހޯމަ)   15:10
ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ދޫކުރި ގޯތިތަކުގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އާ އެއްބަސްވުމުގައި ގޯތި ލިބުނު ފަރާތްތަކުން ސޮއިނުކުރުމަށް، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސޯސިއޭޝަންގެ ރައީސް ޝަމްއާން ރަޝީދު ވިދާޅުވީ މި ސަރުކާރުން ހެދި އާ އެއްބަސްވުން ކުރިން އޮތް ގޮތަށް ބަދަލު ނުކުރަނީސް އެއްވެސް ބޭފުޅަކު މިވަގުތުގައި މިއޮތް އެގްރީމަންޓުގައި ސޮއިކުރަން ނުދިއުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ފާއިތުވި އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި، މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން ބަޔާންކޮށްފައި އޮވެއެވެ.

ނަމަވެސް މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުގެ ބަދަލުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުން ވަނީ ހިމަނާފަ އެވެ.

އެހެންކަމުން އެ ނިންމުން އެގޮތަށް ބާއްވައިފިނަމަ މަދަނީ ބަދަލާއެކު ރައްޔިތުންނަށް ގެއްލުމުގެ ބަދަލު ވެސް ހޯދޭނެ ކަން ފާހަގަކުރައްވަމުން، ސަބަބެއްކަމަށް ގުޅީފަޅު އެސޯސިއޭޝަންގެ ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ގުޅީފަޅުގެ ގޯތީގެ މައްސަލައިގައި މި ސަރުކާރުން ނިންމާފައިވާ ނިންމުންތައް ގާނޫނުތަކާއި އުސޫލުތަކާއި މުޅިން ހިލާފުވެފައިވާތީ ކަމަށެވެ.

ކޮމެންޓް