ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މިއަދުގެ ޖަލްސާގައި.-- ފޮޓޯ: މަޖިލިސް
ގުޅީފަޅު ގޯތިތަކުގެ އެއްބަސްވުމަށް ބަދަލުގެނައުމުން ހުށަހެޅި ކުއްލިމައްސަލަ ބޭރު
ޖުނާން އަޙުމަދު 8 ޖުލައި 2025 (އަންގާރަ)   10:18
ފާއިތުވި އެމްޑީޕީގެ ސަރުކާރުން މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފެށި "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރިން ހެދި އެއްބަސްވުންތައް އުވާލައި، އައު އެއްބަސްމެއްގައި ސޮއިކުރުމަށް މި ސަރުކާރުން މަޖުބޫރުކޮށްފައިވާ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު އެންމެބޮޑުޕާޓީ އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫ ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންއެކަންޏެވެ. ނަމަވެސް މި މައްސަލަ ބޭރުކޮށްލުމަށް 34 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

އެހެންކަމުން ރިޔާސަތުން އެ ކުއްލި މައްސަލަ ބޭރުކޮށްލައިފައި ވާއިރު، މެންބަރު ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ގުޅީފަޅުން ގޯތި ދޫކޮށްފައިވާ ގޯތިތައް ލިބޭނެ މީހުން ކަނޑައަޅައި، އެ ލިސްޓުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށް، ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާއެކު ސޮއިކޮށްފައިވީ ނަމަވެސް، އެ ގޯތިތައް ހަވާލުކުރުމަށް ކުރީގެ ސަރުކާރުން އެއްބަސްވުން ހަދައިފައިވަނީ ގާނޫނާ ފުށުއަރާގޮތަށް ކަމަށް ބުނާތީ އެކަމުގައި ކަންބޮޑުވުން އޮތްކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެ އެއްބަސްވުން ބަދަލުކުރުމަށް ނިންމައިފައިވާކަމަށް އޮފް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށާ، ކުރީގެ އެއްބަސްވުން ސަރުކާރުން އުވާލައި، ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާގޮތަށް ސަރުކާރުން އަންގަވަމުން ގެންދާތީ އެކަމުގައި ނުހަނު ކަންބޮޑުވުން އޮތްކަމަށް ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ހިންގައި ނިމިފައިވާ މުއާމަލާތެއްގެ އެއްބަސްވުމެއް ސަރުކާރުން އަމިއްލައަށް އުވާލައި، އެއްބަސްވުމުގެ ޝަރުތުތަކާއި ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލައަމިއްލައަށް ކަނޑައެޅުމަށްފަހު، އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ، ކޮންޓްރެކްޓާބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ. އަދި އެކަމަކީ އެ މީހުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ސަރުކާރުން ކުރާ ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި އެއީ ރައްޔިތުންތަކެއްގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި އިޖުތިމާއީ ހާލަތާ ސީދާ ގުޅިފައިވާ މުހިންމު ކަމެއް ކަމުގައިވީ ހިނދު ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ބުނެފައިވެއެވެ.

ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ) ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދޫނުކުރެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ.

ބިންވެރިޔާ ސްކީމަށް މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ 'މާލެ ސަރަހައްދުން' އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އައު އުސޫލުގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދު' ކަމަށް ބަދަލުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ. އަދި އެ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އާންމުކުރި އުސޫލު، ކުރިން އޮތް ގޮތަށް ބަދަލުނުކޮށްފިނަމަ، އެ މައްސަލައިގައި ގާނޫނީ ގޮތުން ދާންޖެހޭ ކޮންމެ ހިސާބަކަށް ދާނެ ކަމަށް ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފައެވެ.

ކޮމެންޓް