އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު، ސްކޫލަކަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މިނިސްޓަރު ވަޑައިގަތުމުން ކޮޅަށްތެދުވެ އަދަބު އިހުތިރާމް އަދާކުރުމަށް އަންގައިފި
ޖުނާން އަޙުމަދު 6 ޖުލައި 2025 (އާދީއްތަ)   17:58
އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު އެ މިނިސްޓްރީގެ ކޮންމެ ސެކްޝަނެއް، ޑިވިޒަނެއް ނުވަތަ ޑިޕާޓްމަންޓަކަށް ވަޑައިގަންނަވައިފިނަމަ، ކޮޅަށް ތެދުވެ އަދަބު އިހުތިރާމު އަދާކުރުމަށް އެ މިނިސްޓްރީގެ މުވައްޒަފުންނަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް އެގޮތަށް އެންގީ އެ މިނިސްޓްރީގެ އެކި ޑިޕާޓުމެންޓުތަކަށް ފޮނުވި އީމެއިލްއަކުންނެވެ.

"ވެރިންނަށް އަދަބު އިހްތިރާމް އަދާކުރުން" އެ އީމެއިލް ފޮނުވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު، އުމްނިއްޔާ މުސްތަފާ އެވެ.

"މި ވުޒާރާގެ ވަޒީރު ނުވަތަ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު އެއްވެސް ކަމެއްގައި ތިޔަ ސެކްޝަން/ޑިވިޝަން/ޑިޕާޓުމެންޓަށް ވަޑައިގެންފިނަމަ ތަނުގައި ތިއްބަވާ މުވައްޒަފުން އެ ބޭފުޅަކަށް އަދަބު އިހުތިރާމު ކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ހިނިތުންވުމާއެކު މުހާތަބު ކުރުމަށް ހުރިހާ މުވައްޒަފުންނަށް އަންގަވައިދެއްވުން އެދެމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ އެކި ޑިޕާޓުމަންޓުތަކަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.

your imageއެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުވި އީމެއިލްގެ ސްކްރީން ޝޮޓް.-

އެޑިއުކޭޝަން މިނިސްޓްރީގެ މި އީމެއިލްގެ ސްކްރީންޝޮޓެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެފައެވެ. 

އެ މެއިލް ސޯޝަލްމީޑިއާގައި އާންމުވުމާއެކު ގިނަބަޔަކު ދަނީ އެޑިއުކޭޝަންގެ އެ އެންގުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް