މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، 5 މާއްދާއިން 'ސީ' ފާސް ހޯދުމަކީ ދަރިވަރުން ފާސްވާންޖެހޭ އެންމެ ދަށް މިންވަރު ކަމަށެވެ.
އެހެންނަމަވެސް، 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާއަށް ބެލި ނަމަވެސް މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓް ވެސް 5 މާއްދާއިން ފާސްވެފައި ނުވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު 2023 އަދި 2024ގެ ނަތީޖާއަށް ބަލާއިރު ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި، 50 ޕަސެންޓް ދަރިވަރުން 5 މާއްދާއިން ފާސްވެފައި ނުވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"މިއިން އަޅުގަނޑުމެންނަށް އެނގެނީ ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުން ދާއިރު، އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގަ ހޭދަކުރަމުންދާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާ އެކުގަ، މި ހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަދި ވާސިލެއް ނުވެވެއޭ." އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އޯލެވެލްގެ ނަތީޖާ ދަށްވާ މައިގަނޑު ސަބަބަކީ ޕްރައިމަރީގެ ނަތީޖާ ވެސް ދަށްވުން ކަމަށެވެ. އެގޮތުން ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާތަކަށް ބަލާއިރު، ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ނަތީޖާ ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާ އަށް ބަލާލާއިރު ވެސް ކީ ސްޓޭޖު 1 އެއީ ގްރޭޑް 3 ނިންމާ މަރުހަލާ އަދި ކީ ސްޓޭޖު 2 އެއީ ގްރޭޑް 6 ނިންމާ މަރުހަލާ ކަމަށް ވިޔަސް އަޅުގަނޑުމެންނަކަށް މުހިންމު މާއްދާތައް އިނގިރޭސި ބެލިކަމުގައި ވިޔަސް ހިސާބު ބެލިކަމުގައި ވިޔަސް ދިވެހި ބެލި ކަމުގައި ވިޔަސް މެ މި ހާއްސަ މުހިންމު މާއްދާތަކުން ދަރިވަރުންނަށް އެންމެ އެކަށީގެންވާ ވަރަށް ހާސިލް ކުރެވެމުން ނުދާކަން އަޅުގަނޑުމެންނަށް ފާހަގަވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އެހެންކަމާއެކު ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް މިހާރު ވަނީ ފަށާފައި ކަމަށާއި، އޭގެ ތެރޭގައި ބޭރުގެ ފަންނީ މީހުންގެ އެހީތެރިކަމާ އެކު ހުރިހާ ޕްރިންސިޕަލުންނަށް މިދިޔަ އަހަރު ޕްރޮގްރާމެއް ހިންގައި ކަރިކިއުލަމާއި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މިހާރު އަންނަނީ ގެންނަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރު އޭ ލެވެލް ނިންމި ކުދިންގެ އޯ ލެވެލްގެ ނަތީޖާއާ އަޅާކިޔާއިރު ވެސް ފެންނަނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. ތަފާސްހިސާބުތަކުގެ އަލީގައި އޭނާ ވިދާޅުވީ 2021 އަދި 2022 ގައި އޯ ލެވެލް ނިންމި ކުދިންގެ ތެރެއިން ގަދަ 10 ގައި 840 އަށް ވުރެ ގިނަ ކުދިން ހިމެނުނަސް 64 ޕަސެންޓު ކުދިންނަށް އޭ ލެވެލްގެ ގަދަ 10 އާ ހަމައަށް ވެސް ނުދެވޭ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެންމެންވެސް ހަގީގަތް ގަބޫލުކޮށްގެން ދަރިވަރުންގެ ނަތީޖާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށާ، އެކަމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަން ފަށާފައި ވާކަމަށެވެ.