މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ.
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު އޯލެވެލް ނިންމި ކުދިންނަށް މާލެ ސްކޫލުތަކުގައި ވެސް އެ ޕްރޮޖެކްޓު ފަށަން ނިންމާފައިވާ ކަމަށާއި، އެކަމަށް މާލެ ސްކޫލުތަކުގައި އެކަމަށް ޖާގަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން، އޭލެވެލްއަކީ ރާއްޖޭގައި ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައެޅިގެންދިއުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގައި އޭލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި އިރާދަ ކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާއިރު ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ވަރަށް ބޮޑު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަ ކުރަން. މަނިކުފާނު (ރައީސް) ގެ ލަފާފުޅާއި އިރުޝާދާއެކުގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ހާސިލް ވެގެންދާނެ." އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ދަރިވަރުން ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.
"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މި ސަރުކާރުން ވަނީ އޯލެވެލްގެ ތިން މާއްދާއިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސް ފުރުސަތު ދީފަ އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ.