އައްބާސް މިހެން ވިދާޅުވެ ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ވަނީ، ނ.އަތޮޅު ރައްޔިތުން ފިސާރި ހޭވެރިކަން ވާންޖެހޭ ކަމަށާ، ބަހާ އަމަލުން ރައްޔިތުންގެ ކަންބޮޑުވުންތަށް ސުލްހަވެރިކަމާއެކު ދެއްކުމަށް ލިބޭ މި ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންނަށް އެބޭފުޅާ ދަންނަވާ ކަމަށެވެ.
ސަބަބެއް ކަމަށް އައްބާސް ވިދާޅުވަފައި ވަނީ ނ.އަތޮޅަށާއި އެ އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންނެވި އެއްވެސް ކަމެއް ނުކޮށްދެއްވާ ކަމީ މިއަދު ފެންނަންއޮތް ހަގީގަތް ކަމަށެވެ.
"ނ.އަތޮޅު ރައްޔިތުން ހޭވެރިކަން ވާންޖެހޭ. އަބަދު ގަމާރުންނަށް ވާކަށްނުޖެހޭ. ތިމާ ދިރިއުޅޭ އަތޮޅާއި އުފަންވީ ރަށުގެ ތަރައްގީއަށް ރައީސް ޑރ.މުއިއްޒު ވައުދުވީ އެއްވެސް ކަމެއް ނުކޮށްދެއްވާ ކަމީ މިއަދު ފެންނަންއޮތް ހަގީގަތް. ބަހާ އަމަލުން ރައްޔިތުންގެ ކަންބޮޑުވުންތަށް ސުލްހަވެރިކަމާއެކު ދެއްކުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އެހެންކަމުން ރައީސް މުއިއްޒު ނ.އަތޮޅަށް ކުރައްވާ ދަތުފުފުޅާ ގުޅިގެން ނ.އަތޮޅުގެ އެއްވެސް ރަށަކުން އެއްވެސް ރައްޔިތަކު މަރުހަބާ ކިޔަން ނުކުންނަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް." އައްބާސް ވިދާޅުވިއެވެ.
އެމްޑީއޭގެ ނައިބް ލީޑަރު ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އައްބާސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ މި މަހުގެ 7 ކުން 9 އަށެވެ.
އެހެންނަމަވެސް، ރައީސްގެ މި ދަތުރުފުޅަކީ ވަރަށް ސިއްރުން ރޭވިގެން ކުރައްވާ ދަތުރުފުޅެއް ކަމުން ޕީއެންސީގެ މަޖިލީސް މެންބަރުންނަށް ވެސް އެ މައުލޫމާތު އަދި އެނގިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ އައްބާސް ވިދާލުވީ، މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ އެ އަތޮޅުގެ "ހުރިހާ ރަށެއްގައި ފަތުއަޑު ކިޔާފައި ހިގަމުންދާ ތަރައްގީގެ ބިޔަ ބޮޑު ގިނަ ޕްރޮޖެކްޓުތައް ބައްލަވާލެއްވުމަށް" ކަމަށެވެ. މިއީ މަލާމާތުގެ ގޮތުން އައްބާސް ވިދާޅުވެފައިވާ ވާހަކަ އެއް ކަމަށް ބެލެވެއެވެ.
ތަރައްގީ މަޝްރޫއުތައް ނ.އަތޮޅު ގައާއި އައްބާސް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގައިވެސް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އައްބާސް ވަރަށް ގިނައިން ކުރައްވައެވެ.
ރައީސް މުއިއްޒު ނ.އަތޮޅަށް ދަތުރެއް ކުރައްވަން ޝެޑިއުލް ކުރެއްވިކަން އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އައްބާސް ފާހަގަ ކުރައްވާފައިވާ ގޮތަށް ރައީސް ގެ ދަތުރެއް ނ.އަތޮޅަށް މާދަމާ ފައްޓަވާކަން، ނ.އަތޮޅު ބައެއް ރަށު ކައުންސިލްތައް މެދުވެރިކޮށް ފިޔެސް އަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.