ދޯންޏެއް އަޑިއަށް ދަނީ - ފޮޓޯ: އެމްއެންޑީއެފް
ދޯންޏެއް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެ
ޖުނާން އަޙުމަދު 7 އޯގަސްޓް 2025 (ބުރާސްފަތި)   11:48
ސަޕްލައި ދޯންޏެއް ހދ. ކުމުންދޫ ކައިރިއަށް ބަންޑުން ޖަހާލައި، ދޯނިން ދަތުރުކުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރި އެ ދޯނި ބަންޑުން ޖަހާލިކަމުގެ ރިޕޯޓް މިއަދު ހެނދުނު 8:55 ހާއިރު، ލިބުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ދޯނިން ދަތުރުކުރި ހަތަރު މީހުން ސަލާމަތްކުރި ކަމަށެވެ.

ނަމަވެސް ބިދޭސީ ތިން މީހުނާއެކު ދަތުރުކުރި އެ ދިވެހި މީހާގެ ހާލު ދެރަވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރު ނިޔާވެފައިވާ ކަމަށާ، ފަރުވާ ދެމުން ދަނިކޮށް ނިޔާވީ 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި މި ދޯނި ބަންޑުން ޖަހާލި ހާދިސާ ފުލުހުމް މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި ކ. ޒަމާނީ އައިލެންޑް ކައިރިން ރޭ 17 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ވެސް ފުލުހުން ސަލާމަތްކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް