މައްސަލައިގާ ހިމެނޭ އެންމެ އިސް ދެމީހުން ކަމަށްބުނެ ފުލުހުން އާންމުކުރި ފޮޓޯ.--
130 ކިލޯގެ ޑްރަގްގެ މައްސަލައިގައި ހިމެނޭ އެންމެން ބައި ގަރުނަށް ޖަލަށް
މަރްޔަމް މުޙައްމަދު 20 ސެޕްޓެމްބަރ 2025 (ހޮނިހިރު)   18:03
ރާއްޖެއަށް މި ފަހުން އެތެރެކުރި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައިގައި ހިމެނޭ ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައި ބޮޑު އަދަދުން ޖޫރިމަނާކޮށް ބައި ގަރުނަށް ޖަލަށް ލައިފި އެވެ.

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި 7 މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ.

ކަންނެލި ދޯންޏެއްގައި 127 ކިލޯއަށް ވުރެ ގިނަ ޑްރަގް އެތެރެކުރި، އެ މައްސަލައިގެ އިސް ދެ މީހުންނަކީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ އެވެ.

މި މީހުންނާ އެކު މިކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުގެ މައްޗަށް ވެސް ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.

މި އެންމެންގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކްކުރުމާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ދައުވާކޮށްފައި ވާއިރު އެއީ އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށްވާ 25 އަހަރުގެ އަދަބު ލިބޭ ދެ ކުށެކެވެ. އެހެންވެ ކޮންމެ މީހަކަށް އެ ދެ ކުށަށް 50 އަހަރުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.

މައްސަލައިގާ ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ.

އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލި އެވެ. ބަންދުން ދޫކޮށްލި މީހުންގެ ތެރޭގައި އެންމެ އިސްކޮށްހުރިކަމަށް ބެލެވޭ ޝަހީބުވެސް ހިމެނެއެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޝަހީބު ދޫކޮށްލީ ކޯޓުގެ އަޑުއެހުންތަކަށް ހާޒިރުވާން ޝަރުތުކޮށް ކަމަށްވިޔަސް، މިފަހުން އޭނާ އުޅުނީ ކޯޓަށް ފިލައިގެންނެވެ. ފުލުހުން އޭނާ ހޯދަން އެކި ގޮތްގޮތަށް މަސައްކަތްކޮށްވެސް ނުފެނުމުން، ޝަހީބު ފިލަން އެހީތެރިވުމުގެ ތުހުމަތުގައި ސެޕްޓެމްބަރު 18، ގައި އޭނާގެ އަނބިމީހާ، މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، 47، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރިއެވެ. އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް އަމިއްލައަށް ހާޒިރުވެފަ އެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި އެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިފަ އެވެ.

ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.

އަނަސް އާއި އަސީލްގެ މައްޗަށް މި ދެ ދައުވާގެ އިތުރުން ކެނަބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމް އައިސްފައިވެ އެވެ. އަދި ބަނގުރާ ފުޅިތަކެއް ގެންގުޅެފައިވާތީ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ސާބިތުވެ މުހައްމަދު ރިޔާދްގެ މައްޗަށް އިތުރު ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރި ދައުވާތަކުގެ ޖުމްލަ އަދަބު:

  • ޝަހީބް އިބްރާހިމް: 50 އަހަރަށް ޖަލަށް ލުމާއި 10 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުން
  • އަހްމަދު މޫސާ: 50 އަހަރަށް ޖަލަށް ލުމާއި 10 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުން
  • އަސީލް މާހިރު: 53 އަހަރަށް ޖަލަށް ލުމާއި ހަތަރު މިލިޔަން ރުފިޔާއިން ޖުރިމަނާކުރުން
  • އަނަސް ހުސައިން: 53 އަހަރަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
  • އިގްބާލް: 50 އަހަރަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން
  • މުހައްމަދު ރިޔާދް: 50 އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމާއި ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުން.

ކްރިމިނަލް ކޯޓުން ކަނޑައެޅި 10 މިލިޔަން ރުފިޔާގެ ޖޫރިމަނާ އަކީ މަސްތުވާތަކެތީގެ ގާނޫނުގައި ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ ކަމަށް ވާއިރު، މިއީ މިހާތަނަށް މި ގާނޫނުގެ ދަށުން އެންމެ ބޮޑު ޖޫރިމަނާ ކަނޑައެޅި ފަހަރެވެ.

މި މައްސަލައިގާ އެންމެ އިސްކޮށް ހުރި ޝަހީބަކީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމަކަށް އައްޔަނުކޮށްފައިހުރި މީހެކެވެ. އޭނާ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގއ.ވިލިގިލި ދާއިރާއަށް އަމިއްލަގޮތުން ވާދަވެސް ކުރިއެވެ.

ކޮމެންޓް