މިއަހަރުގެ މެއި މަހު ހަތްވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަގާމުގައި ހުރި މުހައްމަދު ސާޖިދު އަހުމަދު، ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިނަމަވެސް، އޭނާ ހުވާ ނުކުރާ ކަމަށް ބުނީ، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައެވެ. ގދ. ތިނަދޫ ފުލުހުން އޭނާ ހައްޔަރުކުރީ، ވޭޕް ގެންގުޅެ އެތަކެތި ވިއްކާ ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި، ނެނޯސްޓިކާއި، ވޭޕާއި، ވޭޕް ކާޓްރިޖާއި، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް އޭނާ ބަންދުގައި ބަހައްޓަން ތިނަދޫ ކޯޓުން އަމުރު ނުދިނީ، ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރީ ޖިނާއީ ތުހުމަތެއްގައި ކަމަށް ނުވާތީއެވެ.
އަމުރު ނުދިން މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ސާޖިދު ބުނީ ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް އޭނާ ހުވާ ނުކުރާ ކަމަށެވެ.
ނަމަވެސް ހުވާ ނުކުރާކަމަށް ބުނި ބުނުމާ ގުޅުވައި އެއީ ދޮގުހެދުން ކަމަށް ކަނޑައަޅައި އޭނާ 20 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާގެ މައްޗަށް ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާއިރު އެދަޢުވާ ސާބިތު ވެއްޖެނަމަ އުމުރަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.