ސުންދަރަލިންގަމް ކޫޑަލިންގަމް ނަމަކަށް ކިޔާ އެމީހާ.--
އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކުރި މީހާއަކީ ދިވެއްސެއް ނޫން ކަމަށް އިމިގްރޭޝަނުން ބުނެފި
މަރްޔަމް މުޙައްމަދު 7 އޯގަސްޓް 2025 (ބުރާސްފަތި)   21:14
ޖިންސީ ގޯނާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާއަކީ ދިވެއްސެއް ނޫން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ޒުވާން ލަވަކިޔުންތެރިއެއް އަދި އެކްޓްރެސް އަކަށް މީހަކު ޖިންސީ ގޯނާ ކޮށްގެން އިނިގިރޭސިވިލާތުގެ ކޯޓަކުން އެމީހާ ހަތަރު އަހަރަށް ޖަލަށްލީ ވާހަކަ ވަނީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައެވެ. އެ ޚަބަރު އާންމުކުރި އިރު ޖިންސީގޯނާ ކޮށްގެން ހުކުމްކުރީ ދިވެއްސަކަށް ކަމަށާ، އޭނާއަކީ އުމރުން 36 އަހަރުގެ "ސުންދަރަލިންގަމް ކޫޑަލިންގަމް" ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ. މި ޚަބަރު އިނިގިރޭސިވިލާތުގެ މަޝްހޫރު ޑެއިލީ މެއިލްގައިވެސް އެމީހާގެ ފޮޓޯއާއެކު ޝާއިއުކޮށްފައި ވެއެވެ. އެ ޚަބަރު ސޯޝަލް މީޑިއާގައި ޝެއާކޮށް ގިނަ ދިވެހިން ވަނީ އެމީހާއާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރުފަތުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފައިވާ މީހާ އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑްކޮށްފައިވާ މީހެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު ނުފެތުރުމަށްވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް