ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އިއްޔެ މި އޮޕަރޭޝަން ފަށާފައިވާއިރު، މިކަމުގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ހަރަކާތްތެރިވެއެވެ.
މި އޮފަރޭޝަންއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން ފަސީހު ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތަކެއް ގަވާއިދާ ޚިލާފަށް ހިންގާކަން ފާހަގަކުރެވިފައި ވާކަމަށާ، އެ ވިޔަފާރިތަކުގެ ތެރޭގައި ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ގާނޫނާއި ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާކަން ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން ފެށިގެންދިޔަ ގައުމީ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީންނާއި ބިދޭސީންނަށް ކަންކަން ފަހިކޮށްދޭ ދިވެހިންވެސް ހޯދާނެކަމަށް ފަސީހު ވިދާޅުވިއެވެ. އަދި އެފަދަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށްވެސް ފަސީހު ވިދާޅުވިއެވެ.
"ބިޒްނަސްތަކަށް ވަދެ، ބިދޭސީންނާ ގުޅުންހުރި ނަން ދެވިފައި އެބަހުރި މަގުތަކަށް. މިއީ ފަސޭހަ އޮޕަރޭޝަނެއް ނޫން. ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން އެބަތިބި މިކަމުގެ އަޑީގައި. ސީރިއަސްކޮށް މަސައްކަތްތަކެއްކޮށްގެން ކާމިޔާބުވާނީ." ފަސީހު ވިދާޅުވެފައިވެއެވެ.
އިމިގްރޭޝަނުން އިއްޔެ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ނުވަ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
"ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމާއެކު، ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް ހައްގު ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ ވަޢުދުފުޅާ އެއްގޮތަށް، މިއަދު ޓާސްކްފޯސްއިން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން ގުރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި އޮޕަރޭޝަންގައި މާލޭގެ 9 ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައި." އިމިގްރޭޝަނުން ބުނެފައި ވެއެވެ.