
މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ދިމާވީ މޯލްޑިވިއަންގެ ފްލައިޓް ކިއު2-6360 އަށެވެ.
ސޯޝަލް މީޑިއާގައިވާ ގޮތުން، ފްލައިޓްގެ އިންޖީނަށް މައްސަލަ ދިމާވެ، ޢުމްރާވެރިންނަށް ނުފުރިފައި ތިބޭތާ ދެގަޑިއިރެއްހާއިރު ވެއްޖެއެވެ. އެހެންވެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
މޯލްޑިވިއަންގެ ފްލައިޓަށް ދިމާވެގެން އުޅޭ މައްސަލަ ސާފު ނުވި ނަމަވެސް، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފްލައިޓް ޑިލޭވެފައިވާކަން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލްވެސް ވަނީ މީޑިއާއަށް ކަށަވަރުކޮށް ދެއްވާފައެވެ.
މޯލްޑިވިއަނުން ބުނީ މިއަދު ސައުދީ އަރަބިއްޔާއިން މާލެ އަންނަން އޮތް، އެ އެއާލައިނުގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ ޑިލޭ ވެފައިވާ ކަމަށެވެ. އެކަމަކު ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މޯލްޑިވިއަންގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުން ކުރާ ބޯޓުތަކަށް ވެސް މަދުމަދުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ފުރުން ލަސްވުމުގެ ކަންކަން މީގެ ކުރިން ވެސް ހިނގައިފައިވެއެވެ.
ފަހުގެ އަޕްޑޭޓް:
ފްލައިޓަށް މީހުންވެސް އެރިފަހުން މައްސަލަ ދިމާވެ، ގާތްގަނޑަކަށް 3 ގަޑިއިރެއްހާއިރުފަހުން އުމްރާވެރިން ވަނީ ރާއްޖެ އަންނަން ފުރާފައެވެ.
އުމްރާވެރިން ގޮވައިގެން ފްލައިޓް ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރު ސައުދީ ގަޑިން 3:45 (ރާއްޖެ ގަޑިން 5:45)ގައެވެ. އެކަމަކު ދިމާވި މައްސަލަ ހައްލުވީ ސައުދީ ގަޑިން 6:30 (ރާއްޖެ ގަޑިން 8:30)ގައެވެ.




