
މައުލޫމާތުލިބޭ ގޮތުގައި، އެ އެއަރޕޯޓުގައި ހުރި މޯލްޑީވިއަންގެ އޮފީސް ފަޅާލުމުގެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 4 ޖަހާ އެހާކަންހާއިރު އެވެ.
އަދި އެތަން ފަޅާލީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހުރި މީހެއް ކަމަށާ، އެ އޮފީސް ފަޅާލާފައިވަނީ އެތަނުގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ހިންގަމުން ދާތާ 5 އަހަރު ވެފައިވާ ހޯރަފުށީ އެއަރޕޯޓުގައި މިފަދަ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރު ކަމަށް ވާއިރު، އެ ހާދިސާ ހިނގި އިރު އެއާޕޯޓު ބެލެހެއްޓުމުގެ ޑިއުޓީގައި ދެ ސެކިއުރިޓީ އޮފިޝަލުން ވެސް ތިއްބެވެ. އެހެން ނަމަވެސް، މިވަގުތާ ހަމައަށް ވެސް އެކަން ކުރި މީހާ އަތުލައިގަނެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
އަދި އެ އޮފީސް ފަޅާލައިގެން އެތަނުން ގެންގޮސްފައި ވަނީ ޕާރްސަލެއް ކަމަށް ވާއިރު، އެއީ ކޯޗެއް ބަންދުކޮށްފައި ހުރި ޕާރުސަލެއް ކަން ވެސް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. ހޯރަފުށީ އެއަރޕޯޓުން ބުނަނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.




