"ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު" ގެ ނަމުގައި އިޝްތިހާރުކޮށްގެން ރައްޔިތުންގެ ވޯޓުން ފާސްކުރި ރިޔާސީ ނިޒާމުގެ ދަށުން ވެރިކަން ކުރަމުންދަތާ 17 އަހަރު ވީއެވެ. ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ތިންބާރުމެ އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައެވެ. މިނިވަން ކޮމިޝަންތައް އޮންނަނީ އަޅުވެތިވެފައެވެ.
ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ވެރިކަމުގައި ފެންނަމުންދަނީ މި ނިޒާމުގައި މިފަދަ ގޮތަކަށް ކަންކަން ހިނގާފާނެ ކަމަށް ކުރިން ޚިޔާލަށްވެސް ނުގެނެވޭފަދަ ގޮތަކަށެވެ. ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަތަކާއި ބަދަލުތައް ދަނީ ފެންނަމުންނެވެ.
އެކަންކަން ފާހަގަވަމުން ދާ ވަރަކަށް ގިނަބަޔަކު އަންނަނީ އެމީހުންގެ ޚިޔާލާއި ޝުއޫރުތައް ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. މި މައުލޫގައި އެކްސް އިން ފާހަގަވާ ޕޯސްޓްތަކުގައި ބުނަނީ ނިޒާމުގެ މައްސަލައެއް ކަމަށެވެ. ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރު ކުޑަކުރަންވީ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަތަށް ހުރިހައި ބާރުތަކެއް އެއްކޮށް، ކޮންޓްރޯލު ކުރެވޭގޮތަށް އޮތް ރިޔާސީ ނިޒާމު ބަދަލުކުރަންޖެހޭ. ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުވާނެ މަގަކަށް ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭ. ރައްޔިތުންގެ ބާރު މައުނަވީގޮތެއްގައި އަބަދުވެސް ތަންފީޒު ކުރެވެންވާނެ." ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސައިން ވިދާޅުވެފައިވެއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު އަހްމަދު ޝަފީގު (މީމު ސައްޕޭ) ވިދާޅުވީ، "ރިޔާސީ ނިޒާމު ދިން ތަޖުރިބާ އަކީ ޚުދުމުހުތާރު ކަމާއި އަނިޔާވެރިކަން" ކަމަށެވެ. ބާރުތައް ވެރިމީހާގެ މުށު ތެރެއަށް ޖަމާކޮށްގެން ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމު އަޅުވެތިކޮށްގެން ރައްޔިތުން އަޅުދާސްކޮށް ގޮތްހުސްކޮށްލަނީ ކަމަށް ސައްޕޭ ވިދާޅުވިއެވެ.
"މިވޭނުގައި ތެޅިތެޅި ރައްޔިތުމީހާ ހަނާވަނީ. ޔުނިޓަރީ ދައުލަތާއި ރިޔާސީ ނިޒާމްގެ ހިތި ރަހަ ކަރުބުޑުން ނުފިލާވަރުވެއްޖެ. މީ ބޮޑުންނާއި ބޮޑުންގެ ބޮޑުންނަށް ރައްޔިތުން އަޅުދާސްކުރުވާ ނިޒާމެއް. ރައްޔިތުން ބާރުވެރިކޮށް ސަރަޙައްދުތަކަށް ބާރުތަށް ދިނުމަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަންޖެހޭ. ދައުލަތުގެ ސިފަ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ."
ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން އެކި ކަންކަމުގައި ޚިޔާލުފާޅުކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ "ރައްޔިތުންގެ އަޑު ކޮންމެ ދުވަހަކު އަހާ އަދި ޖަވާބުދާރީވާ ވެރިކަމެއް އޮންނަންޖެހޭ" ކަމަށެވެ. ގާނޫނުއަސާސީ އަށް 17 އަހަރު ވެގެންދިޔައިރު އަދި އެކި ވެރިކަން ފެނިގެން ދިޔައިރު، ރައްޔިތުންނަށް އިގްތިސޯދީ، އިޖްތިމާއީ އަދި ޝަރުއީ އިންސާފެއް ވެސް ލިބިފައި ނުވާކަން އަމްރު ފާހަގަ ކުރެއްވިއެވެ.
"ޕާލިމެންޓަރީ ނިޒާމެއްގަ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ، ހައްދެއް ނެތް ވަރަކަށް އެކެއްގެ އަތަށް ބާރުތައް ނުދެވޭ އަދި ރައްޔިތުންގެ ތާއީދާ އިތުބާރު ގެއްލިއްޖެ ނަމަ އެ މީހަކު މަގާމަކު ނުހުރެވޭ.. ހެޔޮ ވެރިކަމެއް މި ރާއްޖޭގަ ހިންގުމަށްޓަކާ މި ނިޒާމު ޕާލިމެންޓްރީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ." އަމްރު ވިދާޅުވެފައި ވެއެވެ.
މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒް މުޙައްމަދު ނިޝާން އިބްރާހީމް ވެސް ވިދާޅުވީ ނިޒާމުގެ މައްސަލައެއް އުޅޭ ކަމަށެވެ.
"ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބާރުތައް އެއްތަނަކަށް ޖަމާވުމާއި ބާރުތައް ނަހަމަވުމުގައި ވެރިކަމުގެ ނިޒާމުގައި މައްސަލަތަކެއް އުޅޭކަމަށް ދެކެން، އެހެންކަމުން ހުދުމުތާރުވުމުގެ ސިފަ ހަނިކުރުމަށްޓަކައި، ވެރިކަމުގެ ނިޒާމާއިމެދު ފުޅާދާއިރާއެއްގައި ބަހުސް ކުރަން ވެއްޖެކަމަށް ދެކެން."
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ގާނޫނުއަސާސީގައި ހުރިހާ ބާރުތަކެއް ވަކިކޮށްފައި އޮތްނަމަވެސް ވެރިމީހާ ހިތުހުރިގޮތަކަށް ކަންކަން ކުރަމުންދާ ކަމަށެވެ.
"ގާނޫނުއަސާސީގައި ވަކިކޮށްފައިވާ ހުރިހާބާރުތަކެއް، ވެރިކަމުގަ ހުރި މީހާގެ ގަދަބާރުން ގާނޫނުއަސާސީއާއި ޚިލާފަށް، އެހުރިހާ ބާރުތަކެއް ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން ޚުދުމުޚުތާރު ވެރިކަމެއް ކުރަމުންމިދަނީ. ހުރިހާ މުއައްސަސާތައް މިވަނީ އަމާންދީފަ."
ސަލީމް ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބަސް ބޭނުންވާ ކަމަށެވެ.
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބާރުއެޅި ގިނަ ހަރަކާތްތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އަދި ފަހުން ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ރީކޯ މޫސާ މަނިކުވެސް ވަނީ މި މައުލޫގައި ވާހަކަ ދައްކަވާފައެވެ.
މީގެ 21 އަހަރުކުރިން ހިނގާދިޔަ "ކަޅުހުކުރު" ހާދިސާގެ ހަނދާން އާކުރައްވައި މޫސަ ވިދާޅުވެފައިވަނީ "ބާރުތައް ވަކިކޮށްގެން ވެރިކަން ކުރުމުގައި ޖަވާބުދާރީ ކުރެވޭނެ ގާނޫނުއަސާސީއެއް ގެނައީ އޮގަސްޓް 12-13 ފަދަ އެތައް ހާދިސާއެއް ވޭތުކުރުމަށްފަހުގައި ކަމަށާ އެކަމަށް ރައްޔިތުން ހެކިވާނެ ކަމަށެވެ.
"ނަމަވެސް ވެރިކަންކުރާ މި ނިޒާމުގާ ރައްޔތުން އަތުން ބާރު ދޫވަމުން ގޮސް ތިންބާރު އެކައްޗަކަށްވުމުން ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ދައުލަތުގެ ހުރިހާ ބާރު ކަމުގައިވާ ރައްޔަތުން ނުކުމެ އަލުން ނިޒާމުގެ ވާހަކަ ދައްކަންވެއްޖެހެން އަޅުގަނޑަށްވެސް ހީވަނީ." ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސްކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.
ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ ފަރާތުން ދައްކަންވެއްޖެ ކަމަށެވެ. މިހާރު އަމަލުކުރާ ގާނޫނުއަސާސީއަށް ވާސިލުވުމުގެ ދަތުރުގައި ގިނަ މީހުން އެމީހުންގެ ޚިޔާލުތައް ފާޅުކުރީ އެއްތަނަކަށް އެއްވެ، ބައްދަލުވެ ވާހަކަ ދައްކައިގެންނެވެ. މިނިވަން ބަހުސް ގެ ނަމުގައާއި ހަރުގެ ޖަލްސާގެ ގޮތުގައެވެ. މިއަދު އެންމެންވެސް އެމީހެއްގެ ޚިޔާލާއި ފިކުރު ފާޅުކުރަނީ ސޯޝަލް މީޑިއާގައެވެ. ސިޔާސީ ގިނަ ވާހަކަތައް އެކްސްގައި ޕޯސްޓްކުރާއިރު ޓިކްޓޮކް އާއި ފޭސްބުކް އަދި މިނޫންވެސް ގިނަ ވަސީލަތްތައް ބޭނުންކުރެއެވެ. އެކެއްގެ ވާހަކައަށް އަނެކާ ރައްދުދީ ބަހުސެއްގެ ސިފައިގައި މިއަދު ނިއުޅެމުން، އަޑުގަދަވަމުންދާ މައުލޫއަކީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ އެވެ. ބަރުލަމާނީއަށް ބަދަލުކުރަންޖެހޭ ވާހަކަ އެވެ.
މި މައުލޫގައި ރައްޔިތުންގެ އަޑު އެކަށޭނަ މިންވަރަކަށް ގަދަ ވެއްޖެނަމަ، މި މައުލޫއާމެދު މުޅި ރައްޔިތުންގެ ވޯޓަކުން ގޮތް ނިންމުމަށް ފުރުސަތު ނުލިބޭންވީ ސަބަބެއްނެތެވެ. އަދި މީގެ 18 އަހަރު ކުރިން އޮތް ނިޒާމީ ވޯޓުގެ ނަތީޖާއާ ތަފާތު ނަތީޖާއެއް ނުކުތުމީވެސް ކައިރި ކަމެކެވެ. 2007 ވަނަ އަހަރު އޮތް ނިޒާމީ ވޯޓުގެ އިންތިޚާބުގައި ވޯޓު ނުލެވުނު އެތައް ހާސް ކުދިންނެއް މިއަދު ތިބީ ވޯޓްލާން ތައްޔާރަށެވެ.