ބޮޑު ރަސްމިއްޔާތެއް ބާއްވައި އެކަން އިފްތިތާހު ކުރި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ފެށި ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ މިގައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމަށާއި، އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ.
ރައީސް ވިދާޅުވި ވާހަކަފުޅުގެ ފަހަތު ބަޔަށް އަޅުގަނޑުވެސް އެއްބަހެވެ. ރާއްޖޭން ކޮރަޕްޝަން ނައްތާލަން ޖެހެއެވެ. އެހެންނަމަވެސް ކުރީބައިގައި އެވާ އިބާރާތްތަކަށް އެއްބަސްވެވޭކަށް ނެތެވެ.
ސަބަބުތައް ބައިވަރެވެ. ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ގާނޫނުތަކާއި ގަވާއިދުތައް ހުރެފައި މުއައްސަސާތައްވެސް އެބަހުއްޓެވެ. އެހެނަސް، މައްސަލައަކީ ތަންފީޒު ނުކުރުމެވެ. ފިޔަވަޅު ނޭޅުމެވެ. އިސް މަގާމުގައި ހުންނަ މީހާއަށްވެސް ބައިއެޅޭގޮތަށް ކަންކުރުމަށް އެންމެ މަތިން ހުންނަ މީހާ ފުރުސަތު ދިނުމެވެ. އެކަން މިހާރު ހިނގަމުން އަންނާތީ މި ފެންނަނީ ސަގާފަތެއްގެ ގޮތުގައެވެ.
ޑިމޮކްރަސީ އާއި ޓްރާންސްޕޭރަންސީ އާއި ޗެކްއެން ބެލެންސްގެ ވާހަކަ ތަކާއެކު އަހަރުމެން ބަލައިގަތް ފެހި ގާނޫނު އަސާސީއަށްފަހު ކޮރަޕްޝަން ފަދަ ނޭއްގާނީ އަމަލުތައް ކުޑަކުރެވޭނެ ކަމަށް ބެލެވުނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަރެއްގެ ބަދަލުގައި ކޮމިޝަނެއް އެކުލަވާލަން ކަނޑައެޅީ އެ ގާނޫނުއަސާސީންނެވެ. އެންމެ މީހެއްގެ ބަދަލުގައި 5 މީހުން އެންމެ އިސްކޮށް ތިބެގެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާށެވެ.
އެ ގާނޫނު އަސާސީއަށް އަމަލުކުރަންފެށިތާ 17 އަހަރަށް ދާއިރު ކޮރަޕްޝަންގެ އަޑު ހައްތަހާ ވީ ގަދައެވެ. ޚިޔާނާތުން ހޯދާ ފައިސާގެ އަދަދުތައް ދިޔައީ މައްޗަށެވެ. އެކަމުގައި ބައިވެރިވާ މީހުންނަށް ލިބޭ ހިމާޔަތްވެސްވީ އިތުރެވެ. މިހުރިހާ ކަމަކާ ގުޅިފައި އޮތީ އާންމުންގެ ކަންބޮޑުވުމެވެ.
ސަރުކާރުތައް ބަދަލުވިޔަސް ކޮރަޕްޝަންގެ އަމަލުތައް މަދެއް ނުވެއެވެ. ކޮންމެ ސަރުކާރެއްގައިވެސް އެ އަމަލު އެކި މިންވަރުގައި ފައުޅާއި ސިއްރުގައި ކުރަމުންދެއެވެ. ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ވެރިކަމުގައި ތިބި މީހުން ހިންގާ ކަންކަމަށް ފާޑުކިޔަމުންނެވެ. އެކަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެޔަށްވުރެ މާ ފުރިހަމައަށް މާ ރަނގަޅަށް ކަންކުރާނެ ކަމުގެ ވައުދު ވަމުންނެވެ.
އެހެންނަމަވެސް ވެރިކަމާއެކު މަޖިލިސް މެޖޯރިޓީ ކާމިޔާބު ވުމުން، ހުރިހާ މިނިވަން މުއައްސަސާއެއްވެސް އޮންނަނީ ސަރުކާރުގެ އަޅުވެތިކަމުގައެވެ. އެކަން އެންމެ ފުރިހަމައަށް ފެންނަ ސަރުކާރަކީ ރައީސް މުއިއްޒުގެ ސަރުކާރެވެ. އެ ސަރުކާރުން މިއަދު "މޯލްޑިވްސް 2.0" ގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ނައްތާލުމޭ ބުނީމާ، އެކަން ބަލައި ނުގަނެވޭ ވަރަށް، ކޮރަޕްޝަނުގެ އަމަލުތައް ހިންގައިފިއެވެ. ދުރާލާ ރާވައިގެން ހިންގައިފިއެވެ.
ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ރައީސް މުއިއްޒު ހުންނެވުމުން އެކަންކަން އިންސާފުވެރިކަމާއެކު ނުބެލުނަސް، ފިޔަވަޅެއް ނޭޅިއަސް އެކަންކަން ހުރީ ހިނގާފައިކަން އެކަންކަމާމެދު ވިސްނާލައިފި މީހަކަށްމެ މޭރުންވާނެއެވެ. އެމީހަކު ތާއީދުކުރާ ފިކުރަކާހުރެ އެކަން ގަބޫލުކުރުމާއި ނުކުރުން އެއީ އަދި އެހެންކަމެކެވެ.
މެނިފެސްޓޯގައިވެސް ނެތް ކުރިން ވާހަކަ ދައްކާފައިވެސް ނެތް ބައެއް ކަންކަން ކުރަނީ އެކަމެއް ކުރުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ފައިސާ ބޭނުން ކުރާށެވެ. އެ ފައިސާއިން ބައި އަޅާށެވެ. އެކަން އެގޮތަށް ކޮށްފިއެވެ. އެންމެ މިސާލެއްގެ ގޮތުން ޑްރޯންގެ ވާހަކައިން ނިންމާލަމެވެ. އެކަން އެގޮތަށް ކުރީ ޑިޖިޓަލްވެފައި ނެތުމަކުންނޫނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހާމަކަންބޮޑު ގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާއިރު އަޅައިނުލައި ފިޔަވަޅު ނާޅަނީ ޑިޖިޓަލް ނުވާތީކީ ނޫނެވެ. އެކަން ހުއްޓުވަން ބޭނުން ނުވާތީއެވެ. އެކަމުން ޚުދު ތިމާ މީހާއަށްވެސް ނަފާވާތީއެވެ. ބައެއް ކަންކަން ވަރަށްބޮޑަށް ބޭޒާރުވުމުން ކޮންމެވެސް ކަމެއް ކޮށްލައި މައްސަލަ ދިގުދަންމާލައި ހިންދައިލަނީ އެކަންކަން ފުރިހަމައަށް ބެލޭނެ ގާނޫނީ ބާރާއި އިޚްތިޔާރު ލިބި ހުރެއެވެ. އެކަން އެގޮތަށް ކުރަނީ ޑިޖިޓަލް ނުވާތީކީ ނޫނެވެ.
މިފަދަ ކަންކަމުގެ ލިސްޓެއް ލިޔާނަމަ ދިގު ލިސްޓެއް ލިޔެވޭވަރަށް މިވީ ދޮޅު އަހަރެއްހާ ދުވަހު މި ސަރުކާރުން ކަންތައްތައް ހިންގައިފިއެވެ. އާދެ! ރާވައި ޕްލޭންކޮށްގެން ކޮރަޕްޝަންގެ އަމަލުތައް ހިންގައިފިއެވެ. މައްސަލަ ބަލަނީ ކަމަށް ބުނެ ފަސްއަޅައި ފޮރުވައިފިއެވެ. ވެރިކަމަށް އަންނަންވެގެން ދެއްކި ހާމަކަން ބޮޑު ސަރުކާރު، ފެނުނީ ވަންހަނާކަން ބޮޑު ސަރުކާރެއްގެ ގޮތުގައެވެ. އެކަން އެގޮތަށް އެވަނީ ޑިޖިޓަލް ނުވާތީކީ ނޫނެވެ. އިޚްލސްތެރިކަން ނެތުމުގެ ސަބަބުންނެވެ.
ކޮރަޕްޝަން ނައްތާލުމަށް މޮޅު ނަމެއް ކިޔައި ބޮޑު ރަސްމިއްޔާތު ބާއްވައި ގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ހަދާފައިހުރި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާނަމަ ކޮރަޕްޝަނަށް އޮތް ޖާގަ ކުޑަވާނެއެވެ. ކޮރަޕްޝަން ހިންގަން ބޭނުންވާ މީހާއަށްވެސް ފުރުސަތު ހަނިވާނެއެވެ. ވެރިކަމަށް ދޮޅު އަހަރުވީއިރު މިއަދު މިފެންނަނީ އޭގެ އިދިކޮޅެވެ. ތިންބާރުގެ ބާރު އަތަށް މަހާލައިގެން ދުވަހެއް ދުވަހަކަށް ތިޔަ ގެއްލުވައިލަނީ ރައްޔިތުންގެ އިތުބާރެވެ.