އެ ވޯޓް މުޅި ރާއްޖޭގައި ކުރިއަށްދިޔައީ 2007 އޯގަސްޓް 18 ވީ ހޮނިހިރު ދުވަހުއެވެ. އާދެ، މީގެ ބަރާބަރު 18 އަހަރު ކުރިން މިއަދު އެވެ. ވޯޓްލާ ދުވަސް ކައިރިވަމުން އައިރު ކެމްޕޭން ފޯރި ވަރަށް ބޮޑަށް ގަދަވިއެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ތާއީދު ކުރީ ރިޔާސީ ނިޒާމަށެވެ. އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވި 199،841 މީހުން ތިބިއިރު ވޯޓުގައި ބައިވެރިވީ 155،890 މީހުންނެވެ. އޭގެތެރެއިން ރިޔާސީ ނިޒާމަށް ލިބުނީ 95،619 ވޯޓެވެ. ބަރުލަމާނީ ނިޒާމަށް ލިބުނީ 58،504 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ 1767 އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ކަނޑައެޅީ 37،115 ވޯޓުގެ ބޮޑު ތަފާތަކުންނެވެ. މިއީ ވޯޓްދިނުމުގެ ހައްގު 18 އަހަރުން މައްޗަށް ލިބުނު ފުރަތަމަ އިންތިހާބެވެ. އެ އަހަރު އުފަންވި ކުދިންނަށްވެސް މިހާރު ވޯޓް ލެވޭނެއެވެ.
މިއީ އޭގެ 18 އަހަރު ފަހެވެ. އެދުވަސްވަރު އެކުލަވާލަމުންދިޔަ ގާނޫނުއަސާސީއަށް އަމަލުކުރަމުންދާތާވެސް 17 ވެއްޖެއެވެ. އެ ގާނޫނުއަސާސީގެ ދަށުން 4 ރިޔާސީ އިންތިޚާބް ބާއްވައިފިއެވެ. އެ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް 4 ފަހަރަކު ބާއްވައިފި އެވެ. ކޮންމެ ފަހަރަކުމެ ކުރެވޭ ތަޖުރިބާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ ނުލައި ވެރިކަން ކުރުމަކީ އުނދަގޫ ކަމެއް ކަމެވެ. ހަމަ އެހެންމެ ވެރިކަން ކުރާ ޕާޓީއަށް މެޖޯރިޓީ ލިބޭ ފަހަރެއްގައިމެ ތިން ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައެވެ. އެ ބާރު އެކި ވެރިކަން ތަކުގައި އެކި މިންވަރަށް ބޭނުން ކުރައްވައެވެ.
ނިޒާމީ ވޯޓުގެ ކެމްޕޭނުގައި ރިޔާސީ ނިޒާމު ޕްރޮމޯޓްކުރީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ގޮތުގައެވެ. މީގެ ބަރާބަރު 18 އަހަރު ކުރިން ރައްޔިތުން ވޯޓްދިނީ އެމީހުންނަށް އޭރު ސިފަކޮށްދިން ރިޔާސީ ނިޒާމަށެވެ. އެހެންނަމަވެސް އެ ނިޒާމުގެ ދަށުން ވެރިކަން ކުރަން ފެށުމާއެކު ފެންނަނީ އެހެން މަންޒަރެކެވެ.
އެޔާއެކު އެއްބަޔަކު ބުނަނީ ނިޒާމު ބަދަލުކުރަންވީ ކަމަށެވެ. އެމީހުންގެ ޗޮއިސްއަކީ އެންމެ ކުރިންވެސް އެމީހުން ތާއީދުކުރި ބަރުލަމާނީ ނިޒާމެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކީ ހައްލު ނޫންކަމަށް ދެކޭ އެތައް ބަޔަކުވެސް މިގައުމުގައި އެބަ ތިއްބެވެ. އެފަދަ އެއްބަޔަކު ބުރަވަނީ ނިޒާމު އޮތް ގޮތަށް ބާއްވާށެވެ. އޭގެ ބަދަލުގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނައުމަކީ އެފަދަ މީހުންގެ ހުށަހެޅުމެވެ.
އެފަދަ އެއް ބޭފުޅަކީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބަދަލުތަކެއް އޭނާ ވަނީ ލިޔުއްވާފައެވެ. ވެރިކަން ކުރުމުގައި މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިހުރި ކަންކަން ބަދަލުކުރެވޭނެ ތަސައްވުރެއް ފައްޔާޒުވަނީ އާންމު ކުރައްވާފައެވެ.
ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބޭ ކަމަށްބުނެ "އެދޭ ރާއްޖެ" ނަމުގައިވެސް ކެމްޕޭނެއް އެބަކުރެއެވެ. އެ ހަރަކާތުން ވަނީ ތަފްސީލީ ކަރުދާހެއްވެސް އެކުލަވާލައި އާންމުކޮށްފައެވެ.
މީގެ އިތުރުންވެސް ރައްޔިތުންގެ ގިނަބަޔަކު ދަނީ މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވެރިކަމުގެ ނިޒާމުގެ މައްސަލަތައް ފާހަގަކުރަމުންނެވެ. ގާނޫނުއަސާސީގައި އޮތް އެއްޗަކާ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ހިނގާ ގޮތާ ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ. މިނިވަން މުއައްސަސާތަކާއި ދައުލަތުގެ މުހިންމު އިދާރާތައް ހިންގުމުގައި ދިމާވަމުންދާ ކަންކަން އާންމުކުރަމުންނެވެ. އެންމެންވެސް ބޭނުންވަނީ މައްސަލަތައް ހައްލުވާށެވެ.
ގިނަބަޔަކު ދެކޭގޮތުގައި މައްސަލަތަކުގެ ހައްލު ގެނެވޭނީ ގާނޫނުއަސާސީއަށް ގެންނަ ބޮޑެތި ބަދަލުތަކުންނެވެ. އެފަދަ ބައެއް ބަދަލަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި ގެނެވޭނެ ބަދަލުތަކެއް ނޫނެވެ. އެފަދަ ބަދަލުތައް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ހުޅުވާލަންޖެހޭނެއެވެ.
އެފަދަ ވޯޓަކަށް މިހާރު ދާނަމަ، މީގެ 18 އަހަރު ކުރިން ވޯޓް ދިނުމުގެ ހައްގު ނުލިބުނު ތިރީހަކަށް ހާސް ޒުވާނުންނަށް ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެއެވެ. އެންމެފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތަފާސްހިސާބަށް ބަލާއިރު އެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވި މީހުންގެ އަދަދަކީ 227،695 އެވެ. އެ އިންތިހާބުގައި ވޯޓް ދިން މީހުންގެ އަދަދަކީ 172،230 އެވެ.
އިންސާނުންގެ އަތުން ކުރާ ކަންކަމުގައި އިސްލާހަކީ ވަގުތާއެކު ބަދަލުވަމުންދާ އެއްޗެކެވެ. މީގެ 18 އަހަރު ކުރިން ކަނޑައެޅި ނިޒާމާއި މީގެ 17 އަހަރު ކުރިން އަމަލުކުރަން ފެށި ގާނޫނުއަސާސީއާ ގުޅޭގޮތުން މުޅި ރައްޔިތުންގެ މެދުގައި ފުޅާކޮށް ބަހުސް ކުރަންޖެހެއެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން ގޮތް ނިންމަންޖެހެއެވެ.