ނިޔާވެފައިވަނީ ލުޖައިނާ ތަސްނީމާ (29 އ) ބ. ތުޅާދޫ، ކާނިމާގެ، އެވެ. ޖަޕާން ސަރުކާރުގެ ސްކޮލާޝިޕެއްގައި ލުޖައިނާ ތައުލީމް ހާސިލްކުރުމަށްޓަކައި ޖަޕާނަށް ގޮސްފައި ވަނީ، 2023 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 20 ވަނަ ދުވަހުއެވެ.
އަދި އޭނާ މާސްޓާސް ކޯސް ފުރިހަމަކުރުމަށްފަހު ޖަޕާންގައި މަޑުކޮށްގެން ހުރީ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްފަހު މާލެ އައުމަށްޓަކައި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނީ ލުޖައިނާގެ މަރު، ޖަޕާންގެ ކަމާ ގުޅޭ އިދާރާތަކުން ކަށަވަރުކޮށްދިނީ ރޭގެ ވަގުތެއްގައި ކަމަށާ، މަރުވީ ސީދާ ކޮން އިރަކު ކަމެއް ނޭނގުނު ނަމަވެސް އޭނާއާ ފޯނުން ބައްދަލުނުވެ ދެ ދުވަސްވީމާ އޭނާއާ އެކު ޖަޕާނުގައި އުޅޭ އެހެން ކުއްޖަކަށް ގުޅައިގެން ލުޖައިނާ ކޮބައިތޯ ބަލަންފެށި ކަމަށެވެ.
އެގޮތުން އޭނާ އުޅޭ ކޮޓަރީގެ ދޮރު ނުހުޅުވައިގެން އިއްޔެގެ ވަގުތެއްގައި އެ ދޮރު ހުޅުވާ ބެލިއިރު އޭނާ ވަނީ ހަބަރު ހުސްވެފައި ކަމަށްވުމުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.
ފޮރިން މިނިސްޓްރީގެ ބަހެއް ލުޖައިނާގެ މަރާ ގުޅިގެން ނުލިބުނު ނަމަވެސް، އޭނާ މާލެ އައުމަށް ވަނީ ޓިކެޓްވެސް ނަގާފައި ކަމަށާ، އޭނާ އައުމަށް ހަމަޖައްސާފައިވާ ތާރީހަކީ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަސްކަމަށް އޭނާގެ އާއިލާ އިން މައުލޫމާތު ދެއެވެ.
ލުޖައިނާގެ މަރާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގެއްލިގެން ދިޔައީ ހުނަރުވެރި މަސައްކަތަކަށް ކަމޭހިތާ ބޭފުޅެއް ކަމަށާ، އޭނާ ކުރި ކޮންމެ ކަމެއްގައި ވެސް ޝައުގުވެރިކަމާއި ނަޒާހަތްތެރިކަން ފެނުނު ކަމަށެވެ.