ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދު.--
މަރުވެފައި އޮތް މީހަކު ހުޅުމާލެއިން ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ
ފިޔެސް 25 އޯގަސްޓް 2025 (ހޯމަ)   18:57
މަރުވެފައި އޮތް މީހަކު ހުޅުމާލެއިން ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މީހާއާއި އަދި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ނުދެއެވެ.

ފިޔެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ކުނިވެފަ އެވެ. އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި މަރާ ގުޅޭގޮތުން ފުލުހުން އިތުރު މައުލޫމާތު ނުދިން ނަމަވެސް، ބައެއް ފަރާތްތަކުން ފިޔެސް އަށް މައުލޫމާތުދީފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.

އެމީހާއަކީ މިމަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދާ މީހެކެވެ. އޭނާ ގެއްލުނުކަން ފުލުހުންނަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.

އެމީހާ ގެއްލުނުކަން މިމަހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑު މަރުވެފައި އޮންނަތާ 3-4 ދުވަސް ވެދާނެ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު މައުލޫމާތު ދީފައި ވެއެވެ.

ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހެދުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެތަނުގެ މަސައްކަތް ވަކި ވަރަކަށް ކުރުމަށްފަހު މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވުމުން އެ ސަރަހައްދު އޮންނަނީ ވަރަށް ބޮޑަށް ވިނަހެދިފައެވެ. 

އަދި އެ ސަރަހައްދުގެ ބޮޑު ބައި ޓިނުން ފެންސްޖަހައި ބަންދުކޮށްފައި އޮންނާތީއާއެކު އެއީ އާންމުކޮށް މީހުން ވަދެއުޅޭ ސަރަހައްދެއް ނޫނެވެ. 

ކޮމެންޓް