ފާއިތުވި ޖުލައި މަހުގެ ތަފާސްހިސާބުތައް އެމްއެމްއޭ އިން އާންމުކޮށްފައި ވާއިރު، އެ ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު 186،738 ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 167،528 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާތީ އެއީ މިދިޔަ އަހަރަށް ވުރެ 11 އިންސައްތަ އިތުރު ވުމެކެވެ.
އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގެ ޖުމްލަ އަދަދާ އަޅާބަލާއިރު، އެއީ މި އަހަރުގެ ފުރަތަމަ ހަތް މަހު ރެކޯޑުކޮށްފައިވާ 1,294,868 ޖުމްލަ ޓޫރިސްޓުންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 1,183,057 ޓޫރިސްޓުންނާ އަޅާބަލާއިރު، މި އަހަރު ނުވަ އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ބެޑްނައިޓްސް ނުވަ ޕަސެންޓު އިތުރުވެފައިވެއެވެ. މި މުއްދަތުގައި ގެސްޓްހައުސްގެ ބެޑްނައިޓްސް 55 ޕަސެންޓު އިތުރުވިއިރު ރިސޯޓުތަކުގެ ބެޑްނައިޓްސް ދެ ޕަސެންޓު އިތުރުވި ކަމަށް އެ ތަފާސްހިސާބުތަކުގައިވާއިރު، މި އަހަރުގެ މި މުއްދަތުގައި ހިދުމަތަށް 1،673 އެނދު އިތުރަށް ނެރުނެވެ.
އަދި 963 އެނދު އިތުރަށް ރެޖިސްޓްރީކޮށްފައިވުމުން، މި އަހަރުގެ މި މުއްދަތާ ހަމައަށް ޖުމުލަ 63،077 އެނދު ހިދުމަތަށް ނެރެފައިވާއިރު، 64،413 އެނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގައި އެވަރެޖްކޮށް 7.6 ދުވަހު ފަތުރުވެރިން ހޭދަކުރިއިރު، އެ އަދަދު ވަނީ މި އަހަރުގެ އެ މުއްދަތުގައި 6.9 ދުވަހަށް ވެއްޓިފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާ އަޅާ ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ މުއްދަތު މިވަނީ ކުރުވެފައެވެ.
ހުސްވި އޯގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،468،740 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.3 އިންސައްތައިގެ އިތުރުވުމެއްކަމަށް، ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ބުނަނީ އެންމެ ގިނަ ފަތުރުވެރިން މި އަހަރު އައިސްފައި ވަނީ، ޗައިނާއިން ކަމަށެވެ. ޗައިނާއިން 231،337 ފަތުރުވެރިން އައިއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 175،161 ފަތުރުވެރިން އައިސްފައިވެއެވެ. އަދި، އިނގިރޭސި ވިލާތުން 133،063 ފަތުރުވެރިން އައިއިރު، ޖަރުމަނުން 101،081 ފަތުރުވެރިން، އިޓަލީން 105،571 ފަތުރުވެރިން، އަދި އިންޑިއާއިން 83،784 ފަތުރުވެރިން އައިސްފައިވާކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.