ލޯކަލް ޓުއަރިޒަމް ގެސްޓްހައުސްއެއް - ފޮޓޯ: ބެލްވެޑޭރެ، ތޮއްޑޫ
ލޯކަލް ޓޫރިޒަމަށް ހާއްސަކޮށް އެސްޑީއެފްސީ އިން އާ ޕްރޮޑަކްޓެއް ތައާރަފްކޮށްފި
ޖުނާން އަޙުމަދު 8 ސެޕްޓެމްބަރ 2025 (ހޯމަ)   07:54
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް "ތިޖާރާ ރަށު ފަތުރު" ގެ ނަމުގައި އެސްޑީއެފްސީ )އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން) އިން ތައާރަފުކޮށްފި އެވެ.

މިއީ އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ "އެސްޑީއެފްސީ ތިޖާރާ" ގެ ދަށުން ޝަރީއަތާ އެއްގޮތްވާ އުސޫލުން ކުރިއަށްގެންދާ ފައިނޭންސިން ފެސިލިޓީއެއް ކަމަށް އެސްޑީއެފްސީ އިން ހާމަކުރެއެވެ.

މިއީ ޑިމިނިޝިން މުޝާރަކާ އަދި މުރާބަހާ ޓު ދަ ޕާޗޭސް އޯޑަރާގެ ކޮންސެޕްޓު ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށާ، އޭގެ ސަބަބުން ޝަރީއާ ހަމަތަކުގެ މަތީގައި ކޮންމެ ވިޔަފާރިވެރިއެއްގެ ވެސް ހުރި ހާއްސަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައި ދެވޭނެ ފަދަ އިންތިޒާމެއް ފޯރުކޮށްދޭނެ ކަމަށް އެސްޑީއެފްސީ އިން ބުނެއެވެ.

އަދި މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އެ ވިޔަފާރިތައް ފުޅާކުރުމަށާއި އައު ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ލިބި، އެފަދަ ވިޔަފާރިތަކުގެ ދައުރު ފުޅާވެގެން ދާނެ ހިދުމަތެއް ކަމަށް ވެސް އެސްޑީއެފްސީން މައުލޫމާތު ދެއެވެ.

ތިޖާރާ ރަށު ފަތުރު ފައިނޭންސިން ލިމިޓް އާއި އޭގައި ހިމެނޭ މައިގަނޑު ބައިތައް ތިރީގައި މިވަނީއެވެ:

• ފައިނޭންސިންގ ރޭޓް އަކީ އަހަރަކަށް 9.5 ޕަސެންޓު.

• ގްރޭސް ޕީރިއަޑް ގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް (ގްރޭސްގެ މުއްދަތުގައި ލުއި އަދަދެއް ދައްކަން ޖެހޭ).

• ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު.

ގެސްޓްހައުސް އިމާރާތްކުރުމަށް - އަލަށް ފަށާ ވިޔަފާރިތަކަށާއި މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް:

• ދޫކުރެވޭ އެންމެ ކުޑަ އަދަދު: 200,000ރ.

• ދޫކުރެވެ އެންމެ މަތީ އަދަދު: 5,000,000 މިލިއަން ރުފިޔާ.

• ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ތަފާތު އިތުރު ވިޔަފާރި ހަރަކާތްތަކަށް (ގެސްޓްހައުސް އިމާރާތްކުރުން ފިޔަވާ) - ހިނގަމުންދާ ވިޔަފާރިތަކަށް.

• ދޫކުރެވޭ އެންމެ މަތީ އަދަދު: 1,500,000 މިލިއަން ރުފިޔާ.

• ޑައިވް ސެންޓަރު، ވޯޓާ ސްޕޯޓްސް ސެންޓަރު ފަދަ ހަރަކާތްތައް ގާއިމުކުރުމަށް.

ފައިނޭންސިންގ ދޫކުރެވޭ ބޭނުންތައް:

• އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތައް: އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށް.

• މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްގީކުރުމަށް: ހިނގަމުންދާ ގެސްޓްހައުސްތައް މަރާމާތުކުރުމަށް، އިތުރު ކޮޓަރި ނުވަތަ ފެސިލިޓީތައް އިތުރުކުރުމަށް، ގެސްޓްހައުސްގެ ފެންވަރު ރަނގަޅުކުރުމަށް (އަޕްގްރޭޑްކުރުމަށް).

• ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް.

• ޓުއާ އޮޕަރޭޓިން ހިދުމަތްތަކަށް، ވޯޓާ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތައާރަފުކުރުމަށް، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށް.

• ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް: އޮންލައިން ބުކިން ސިސްޓަމްތައް ގާއިމުކުރުމަށް، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް.

ޝަރީއާ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އެންމެ ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭ މި ފެސިލިޓީއަށް އެދި އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް އިއްޔެ ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް