ނާގޯށި ތަރައްގީކުރާ ގޮތުގެ ޕްލޭން ދައްކުވައިދޭ ފޮޓޯއެއް
ނާގޯށީގައި ތަރައްގީކުރާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވުމަށް މަޝްވަރާކުރަނީ
ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން މަސައްކަތް ކުރަން ނިންމީ ކުންފުންޏަށް ބޭނުންވާ ޑޮލަރު ހޯދުމަށް - މަތީން
މަރްޔަމް މުޙައްމަދު 5 ސެޕްޓެމްބަރ 2025 (ހުކުރު)   21:54
އެމްޓީޑީސީ (މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން) އިން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި، އެމްޓީޑީސީ އާ ގުޅިގެން އެމްޑަބްލިޔުއެސްސީ (މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ) ގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިކަން ހާމަކުރައްވާ މަތީން ރޭ ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން އެމްޑަބްލިޔުއެސްސީން މަސައްކަތް ކުރަން ނިންމީ، އެ ކުންފުންޏަށް ބޭނުންވާ ޑޮލަރު ހޯދުމަށް ކަމަށެވެ.

ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށާ، އެކަމުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތްކަމަށް ވެސް މަތީން ވިދާޅުވިއެވެ.

މަތީން ހާމަކުރެއްވި ގޮތުގައި، ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމުން ދަތިތައް ކުރިމަތިވަމުންދާ ކަމަށާ، އެހެންކަމުން ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުންފުނިން އައު ސިޔާސަތުތަކެއް މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.

އެ ކުންފުނީގެ އަހަރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާކަމަށް ވިދާޅުވެ، މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީން ޑޮލަރު ހޯދުމަށް ރާވާފައިވާ އެއް މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއެކު އެއްބަސްވުންތަކަކަށް ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ،" މަތީން ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، މި ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކުރުމަށް ރޭވިފައިވާ ކަމަށް ވިދާޅުވެ މަތީން ވިދާޅުވީ، އެހެން އެކަން ވެއްޖެނަމަ މިއީ އެ ކުންފުންޏަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކޮމެންޓް