ފުލުހުން ބުނީ އެ ބޯޓު ފެނިފައިވަނީ އެކެފަރާ ސަރަހައްދުން ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ބޯޓު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 1:25 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ބޯޓު ފެނުނުކަން އާންމުކުރިއިރު ފުލުހުން ބުނީ "ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗުގައި ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަނީ ދަތުރު ކުރަމުން،" ކަމަށެވެ.
އެހެންނަމަވެސް އޭގެ ބައިގަޑިއިރެއްހާއިރު ފަހުން ފުލުހުން، ހޮސްޕިޓަލާ ހަވާލާދީ މީޑިއާއަށް މައުލޫމާތު ދީފައިވަނީ ކެޕްޓަން ނިޔާވެއްޖެކަމަށެވެ.
"ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ." ފުލުހުން ބުނެފައި ވެއެވެ.
ކޮލަމާ ބޯޓުގެ ކެޕްޓަނަކީ، ކޮލަމާފުށީ، އާދަމް ސައީދު ކިޔާ އުމުރުން 66 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، ކެޕްޓަނަށް ވީ ކިހިނެއް ކަމެއް އަދި އޭނާ އެ ހާލަތަށް ދިޔައީ ކޮން ކަމަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އެ ބޯޓު ލ. އަތޮޅުން ފުރީ ރޭ 10:00 ހާއިރު އެވެ. މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ހަބަރެއް ނުވާތީ މިއަދު ސިފައިން ވެސް އެ ބޯޓު ހޯދަން މަސައްކަތް ކުރި އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.