އަތޮޅު ކައުންސިލްތަކަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެ އެ ކައުންސިލްތައް އުވާލުމަށްޓަކާ ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ދާދިފަހުން އަތޮޅުތެރޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އއ. އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލެއް ހޮވަން ވޯޓެއްލާކަށް ނުޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންކަމުން، އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ހުއްޓުވުމަށް ގޮވާލާ ބަޔާނެއް ނެރުމަށާ، އެ ދުސްތޫރީ މައްސަލަ އަތޮޅު ކައުންސިލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް، ބ. އަތޮޅު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމައިފައި ވެއެވެ.
އަދި ބ. އަތޮޅު ކައުންސިލުން އެހެން އަތޮޅުތަކުގެ ކައުންސިލްތަކަށް ދައުވަތު ދީގެން އިހުތިޖާޖު ކުރުމުގެ ހަރަކާތެއް މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ވެސް އެ ބައްދަލުވުމުގައި ނިންމާފައި ވެއެވެ.
ރައީސް މުއިއްޒު އަތޮޅުތެރޭގެ ރަށްތަކުގައި މި ފަހުން ދައްކަވާފައިވާ ވާހަކަފުޅުތަކުގައި، އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާ، އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސީދާ ދެން މަސައްކަތް ކުރާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ކަމަށް ވިދާޅުވެފައި ވެއެވެ.
އަދި އެކަން ކުރުމަށް އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ ކަމަށާ މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން ބާރުވެރިކުރުވަން ކަމަށް ވިދާޅުވެ، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅުދައްކަވާ ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ބ. ދޮންފަނާއި ކިހާދޫ އަދި ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ޒިޔާރަތް ކުރެއްވުމުން އެ ރަށްރަށާއި އެ އަތޮޅުތަކުގެ ކައުންސިލް ރައީސުންނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު ވެސް ވަނީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީ ވާހަކަދައްކަވަމުން އެކަންކަމަށް ވަރަށް ރަނގަޅަށް ރައްދު ދެއްވާފައި ކަން ފާހަގަކޮށްލެވެއެވެ.