މަޖިލީހަށް އެ ޕެޓިޝަން ވައްދަން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ސޮއިކޮށްފައި ވާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން އެ ޕެޓިޝަނުގައި ސޮއިކޮށްފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި ޕެޓިޝަނުގައި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ނުކުރުމަށް ގޮވާލާފައި ވާއިރު، ބިލު ދިރާސާކުރަމުން އަންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު 15 އިގެ ނިޔަލަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ވާއިރު، އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާއިރު، މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބު އެ ބިލުގައި ބަޔާންކޮށްފައި ނުވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ.